ސަފާރީއެއްގައި އެކަހެރިވެ ހުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނިކޮށް އެ ސަފާރީން ފާބައިގެން ހުޅުމާލެއަށް އެރި މީހަކު ހައްޔަރުކޮށްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ސަފާރީއަކުން ފާބައިގެން ހުޅުމާލެއަށް އެރި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރު ދިވެހި ފިރިހެނެކެވެ. އަދި އެ މީހާގެ މައްޗަށް ފުލުހުންނަށް ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތު ކުރެވެއެވެ.
މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނެފައިވަނީ، އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި މީގެ ކުރިން މުވައްޒަފުން ކައިރި ރަށްތަކަށް އޮފްޑޭއަށް ދާއިރު އެކަން ވެސް ކުރުން މިހާރު ވަނީ މަނާކުރެވިފައެވެ. އާއްމު ސިއްހަތު ގާނޫނުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެ އެންގުމުގެ ދަށުން އަޅާ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކުރެވިފައެވެ.
ރިސޯޓުން ފުރުން މަނާކޮށްފައިވަނިކޮށް ދެ ރިސޯޓަކުން މީހަކު ފޭބި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ކޮވިޑް-19 ބައްޔަށް ޕޮޒިޓިވް 13 މީހަކު ހަތަރު ރިސޯޓަކުންނާއި ސަފާރީއަކުން ފެނުމުން، ރިސޯޓުތަކުން ރަށްރަށުން ފޭބުުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް އަމަލު ކުރާ މީހުނަށް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.
މިހާތަނަށް ރައްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިން މީހަކު ވަނީ ފަރުވާދެވި ރަނގަޅު ކުރެވިފަ އެވެ. އެއިން ދެ މީހުންނަކީ އއ. ބަތަލާ ރިސޯޓުގައި ތިއްބައި ވައިރަސްއަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ ދެމަފިރިއެކެވެ. ތިންވަނަ މީހާއަކީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވެގެން އެހަކެރި ކުރި ބިދޭސީއެކެވެ.

