ދިވެހިރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށް ބަލާއިރު، ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރަން ތަން ނުދޭކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް އެމްޑީޕީން ގަރާރެއް މަޖިލީހަށް ހުށަހެޅުމުން ޕީއެންސީން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.
ގަރާރުގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ފަރާތްތަކަކީ ލޯކަލް ކައުންސިލުތަކުގެ ކައުންސިލަރުން ކަމަށެވެ. އެގޮތުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލުތަކަށް އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް އިތުރުވެފައިވާތީ، އަދި މަސައްކަތުގައި ކުރިއަށްވުރެ އިތުރު ވަގުތު ހޭދަކުރަންޖެހޭތީ ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.
އެމްޑީޕީ ހުށަހެޅި ގަރާރަށް ޝުޖާއު ވިދާޅުވީ، ލާމަރްކަޒީ ނިޒާމަކީ އެމްޑީޕީގެ ކާމިޔާބު މަސައްކަތެއްކަމަށް ބުނެ ވަކާލާތު ކުރާއިރު، ސަރުކާރާއި މަޖިލިސް މެޖޯރިޓީއާއި އެކު ރަނގަޅު ހާލަތެއްގައި އޮތް އިގްތިސާދާއި އެކު ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން އެމްޑީޕީއަށް ވިސްނިފައި ނުވާ ކަމަށެވެ. އެހެންކަމުން، މިއަދު އެފަދަ ގަރާރެއް ހުށަހެޅުމަކީ ރާއްޖޭގެ ތާރީހުގައި ފެންނަ ބޮޑު އަޖައިބެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، 2024 ވަނަ އަހަރުގެ މާޗު މަހު ރާއްޖެ ބަނގުރޫޓުވާނެކަމަށް އެމްޑީޕީގެ ލީޑާޝިޕް ބުނަމުން ދިޔަކަމަށެވެ. ހާއްސަކޮށް އޭރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ބޮޑެތި ޕްރެޒެންޓޭޝަންތައް ދެއްވައި ރައްޔިތުންނަށް ގަސްދުގައި އޮޅުވާލަމުން ދިޔަކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމު ގޯސްވީ، އެމްޑީޕީން އެ ހާލަތަށް ގައުމު ވައްޓާލައި އިގްތިސާދު އެ މަގަށް ބައްޓަންކޮށްފައި އޮތުމުގެ ސަަބަބުން ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ދަރަނިތައް ނަގާފައިވާ ގޮތާއި، އެ ދަރަނި ބޭނުން ކުރި ގޮތް ތަފްސީލުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
އެމްޑީޕީގެ ހެޔޮ ނިޔަތެއް އޮތް ނަމަ، ލާމަރްކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައިރު އެ ބަދަލު ގެނައީސް.. އެމްޑީޕީގެ ސަރުކާރުގައި އަޅުގަނޑުމެންގެ ކޯލިޝަނަށް ނިސްބަތްވާ 5 މެންބަރުން މަޖިލީހުގައި ތިއްބެވިއިރު، އެ ބޭފުޅުން ދެއްކެވި އެއްވެސް ވާހަކައަކަށް އޭރުގެ ސަރުކާރުން އިޖާބައެއް ނުދޭ..
މީގެއިތުރުން ޝުޖާއު ވަނީ ސިވިލް ސާވިސް މުވައްޒަފުންނާއި، ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް އެމްޑީޕީ ހުށަނާޅަނީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ. އެމްޑީޕީ މެމްބަރުންގެ ބަސްމަގުން އެ ޕާޓީއަކީ އެ މުވައްޒަފުންގެ މުސާރަ ބޮޑުވުމަށް ބޭނުންވާ ބައެއް ނޫންކަން ހާމަވާކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގައި ނިންމާ ނިންމުންތައް ތަންފީޒުކުރަން ތިބޭ ސެކްރެޓަރީ ޖެނެރަލުންނާއި ސިވިލް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށްވުރެ ބޮޑުވުމަކީ ނިޒާމީ ގޮތުން އޮތް ކަންބޮޑުވުމެއް ނަމަވެސް، އެކަން ހައްލުކުރަންވާނީ ހެޔޮ ނިޔަތެއްގައިކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލާމަރްކަޒީ ނިޒާމު ހަރުދަނާކުރުމަކީ ހަމައެކަނި މުސާރަ ބޮޑުކުރުމެއް ނޫނެވެ. ރަށްރަށުގެ ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު ހުރިގޮތުން، ގާނޫނީ ލަފާ ހޯދުމަށާއި ސާވޭކުރުން ފަދަ ކަންކަމަށް ކައުންސިލްތަކުން ބޮޑެތި ހޭދަ ކުރަންޖެހޭއިރު މި ބަދަލުތައް ގެންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، ގައުމުގެ އިގްތިސާދު ރަނގަޅުވުމުން ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ ސަރުކާރުން ތާއީދުކުރާކަމަށާއި، މި ދައުރުގެ ތެރޭގައި އެ ބަދަލު ފެންނާނެ ކަމަށެވެ.

