މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ނުވަ ޕަސެންޓް އިތުރުވެ، 8.6 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 708 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި އަހަރު ދައުލަތަށް ޖުމްލަ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 19.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތަފާތު ޓެކްސްތަކުން ލިބުނު 14.8 ބިލިއަން ރުފިޔާއެވެ.
ޓެކްސް އާމްދަނީގެ ތެރޭގައި ހިމެނޭ ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީން ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެ، 6.02 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި އާންމު ޖީއެސްޓީ ނުވަތަ ޖީޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 2.2 ބިލިއަން ރުފިޔާގެ ބަދަލުގައި، މި އަހަރު ވަނީ 2.5 ބިލިއަން ރުފިޔާ ލިބިފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ ރޭޓު 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މި އަމާޒާއެކު ޓީޖީއެސްޓީގެ ގޮތުގައި 11.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ އަސަރުތަކެއް ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މާރިޗް މަހު ފަތުރުވެރިން އައި އަދަދު 20.7 ޕަސެންޓް ދަށްވި ނަމަވެސް، މިހާރު އަނެއްކާވެސް ފަތުރުވެރިން އަންނަ މިންވަރު ދަނީ މަޑުމަޑުން އިތުރުވަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވުމުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވާ ރާއްޖޭގައި މުދަލުގެ އަގުތައް ވަނީ އުފުލިފައެވެ. މިއީ ޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމަށް ދިމާވި އެއް ސަބަބު ކަމަށް ބެލެވެއެވެ.

