އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ”ޙަދީޘް ހިތުދަސްކުރުމުގެ މުބާރާތް 1448“ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު އެ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ދީނީ އިލްމާއި ކީރިތި ރަސޫލާގެ ސުންނަތަށް ދިވެހިންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 6 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ދަސްކުރުމަށް ހަމަޖެހިފައިވަނީ މަޝްހޫރު އިލްމުވެރިޔާ އިމާމް އައްނަވަވީގެ 40 ޙަދީޘް (الأربعون النووية) އެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖޫން މަހުގެ 30 ވާ އަންގާރަ ދުވަހެވެ. މި ޕްރޮގްރާމަކީ ރާއްޖޭގައި އިސްލާމްދީނާމެދު އޮންނަ ލޯބި އާލަކޮށް ދިރުވުމަށްޓަކައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު ހަރަކާތެކެވެ.
މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު އެއް އަމާޒަކީ، އިސްލާމްދީނާ ބެހޭގޮތުން ރައްޔިތުންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީ، ދީނީ ކަންކަމަށް އަހައްމިއްޔަތުކަންދޭ މުޖުތަމައެއް ބިނާކުރުމެވެ. މި ޕްރޮގްރާމުގެ ސަބަބުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ޙަދީޘް އިލްމަށް އޮންނަ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރެއެވެ.

