ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމުގެ ގޮތުން، އެ ޕާޓީގެ ”ބޮޑު ބަދަލު“ އޮފީސް، އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއަޓުގައި މިއަދު ގާއިމުކޮށްފިއެވެ.
މި އޮފީހަކީ ޕާޓީގެ ކުރިމަގުގެ މަސައްކަތްތަކާއި އިސްލާހީ ބަދަލުތައް ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި އުފެއްދި ހާއްސަ އޮފީހެކެވެ.
މި އޮފީހަކީ 2026 ވަނަ އަހަރު ބޭއްވުނު އެމްޑީޕީގެ 4 ވަނަ ދައުރުގެ 35 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ހުށަހަޅުއްވައި، މެންބަރުންގެ އިއްތިފާގުން ފާސްކުރައްވާފައިވާ ނިންމުމަކާ ގުޅިގެން އުފެއްދި އޮފީހެކެވެ. ”ބޮޑު ބަދަލު“ އޮފީހުގެ އެންމެ އިސްވެރިއެއްގެ ގޮތުން، ޑައިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޕާޓީގެ އެކި މަތީ މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އަލްއުސްތާޛް ޙަސަން ލަޠީފެވެ.
މި އޮފީސް ގާއިމުކުރުމާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ، މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އޮފީހުގެ ދަށުން ގިނަގުނަ ސިޔާސީ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާކަންވެސް އެ ޕާޓީން ފާހަގަކުރެއެވެ.
ޕާޓީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި ކުރިއަށްގެންދަވާ މި ހަރަކާތަކީ ރާއްޖޭގެ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އަމާޒުކޮށްފައިވާ މަސައްކަތެކެވެ. މީގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް އިންތިޚާބުތަކަށް އެމްޑީޕީން ކުރިމަތިލާއިރު، ސިޔާސަތުތައް ފުރިހަމައަށް އެކުލަވާލައި ރައްޔިތުންނަށް ހުށަހެޅުމެވެ.
މީގެ އިތުރުން، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާރަވެރިވެ، އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ދިރާސާތަކާއި މަސައްކަތްތައް ވިލަރެސްކުރުމަކީވެސް މި އޮފީހުގެ މުހިންމު ޒިންމާއެއް ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

