ރާއްޖޭގެ ރަށްތަކުގެ ބިމުގެ އަޑިއާއި ބިމުން މަތީގައި ފެންނަން ހުރި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކީ އެމްޑީޕީގެ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތައްކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު ފެންނަން ހުރި ހަގީގީ ތަރައްގީއަކީ އެމްޑީޕީގެ ފިކުރުގެ ތެރެއިން ކުރެވުނު މަސައްކަތްތައް ކަމަށެވެ.
ދީދީ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ދައުރުގައި މާލެ ސަރަހައްދަށް ބައެއް މަޝްރޫއުތައް އައި ނަމަވެސް، މުޅި ރާއްޖެއަށް އެވްރެޖްކޮށް ބަލާއިރު ފެންނަން ހުރީ އެމްޑީޕީގެ މަސައްކަތްތަކެވެ. އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކާ ވާހަކަތަކާއި ހަގީގަތާ ދިމާނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ދީދީ ވިދާޅުވި ގޮތުގައި، މި ސަރުކާރަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ބަޖެޓެއް ހަވާލުކުރެވިފައިވީ ނަމަވެސް، އެ ފައިސާއިން ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކުރެވިފައިވާ ތަނެއް ނުފެނެއެވެ. ވަކިވަކި ރަށްރަށުގެ ތަފްސީލު ނުހިމަނައި، ބްލޮކް ފިގާތަކެއްގެ ގޮތުގައި ބަޖެޓު ހުށަހެޅުމަކީ ދުނިޔޭގެ ގުޑް ގަވަނަންސް އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިސާލަކަށް ބިމުގެ އަޑީގައި ނުފެންނަން ހުރި އެއްޗަކަށް ބެލިޔަސް، ފެނާއި ނަރުދަމާގެ ނިޒާމުތަކަކީ އެމްޑީޕީގެ ސަރުކާރުން ގާއިމުކޮށްފައިވާ ވަސީލަތްތައް. އަދި ބިމުން މަތީގައި ފެންނަން ހުރި އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ބެލިޔަސް، އެއީ އެމްޑީޕީން ފަށާފައިވާ ނުވަތަ ނިންމާފައިވާ ކަންކަން.
މަޝްރޫއުތަކަށް އެއްވެސް މަޑުޖެހުމެއް ނައިސް ކުރިއަށްދާކަމަށް ބުނި ނަމަވެސް، ރަށްރަށުގެ ހާލަތު ބެލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެއްކަމަށް ދީދީ ވިދާޅުވިއެވެ. ދީދީ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި އެހެނިހެން އިމާރާތްތަކުގެ މަސައްކަތް މި ސަރުކާރު އައުމާއެކު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
މީގެ އިތުރުން،ރަށްތަކުގެ މަޝްރޫއުތައް ހުއްޓިފައިވާތީ ރައްޔިތުން ސުވާލުކޮށް ޝަކުވާ ކުރުމުން، ސަރުކާރުން އަސްލު މައުޟޫއު އޮޅުވާލުމަށްޓަކައި ދީނީ އަދި އިޖުތިމާއީ އެހެން ކަންކަމަށް ބަހުސް އަނބުރާލަން މަސައްކަތްކުރާކަމަށް ދީދީ ތުހުމަތު ކުރެއްވިއެވެ.
ދައުލަތަށް އާމްދަނީއާއި ހިލޭ އެހީ ހޯދުމަކީ ސަރުކާރުގެ ޒިންމާއެއް ނަމަވެސް، ސަރުކާރުގެ ހާރިޖީ ސިޔާސަތު ބަލިކަށިވުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ލިބެންޖެހޭ އެހީތައް ނުލިބި، ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
ދީދީ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމަށް އައީ އެކި ގައުމުތަކާއެކު އޮތް ގުޅުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ހިލޭ އެހީ ނުވަތަ ގްރާންޓް އެހީތައް ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ބުނެ ރައްޔިތުންނަށް އުންމީދުތަކެއް ދީގެންނެވެ. ނަމަވެސް، ސަރުކާރަށް ތިން އަހަރުވެގެންދާއިރު، އެ އެހީތަކުގެ އެއްވެސް މިންވަރެއް ދައުލަތަށް ވަދެފައިނުވާކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ޚާރިޖީ ގުޅުންތަކުގެ ތެރެއިން ކުރެވުނު މަސައްކަތްތަކަށް ސުވާލު އުފައްދައި، ދީދީ ވިދާޅުވީ ގައުމުތަކާއި އެކު ގުޅުން ބަދަހި ކުރުމަށް ވެސް މި ސަރުކާރަށް މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ ދޮޅު އަހަރުގެ ތެރޭގައި ފޮރިން މިނިސްޓަރުގެ މަގާމަށް ތިން ފަހަރަށް ބަދަލު ގެނެވިފައިވާކަމަށެވެ.
ދީދީ އިތުރަށް ފޮރިން މިނިސްޓަރުން ގިނަގިނައިން ބަދަލުވުމުގެ ސަބަބުން ބޭރުގެ ގައުމުތަކާއެކު އޮންނަންޖެހޭ ގުޅުންތަކަށް ބުރޫއަރައި، ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ދަތިވާ ކަމަށެވެ. އަދި ވިދާޅުވީމީގެ ކުރީގެ ސަރުކާރުތަކުން، ހާއްސަކޮށް އެމްޑީޕީގެ ސަރުކާރުން ބޭރުގެ ގައުމުތަކާއެކު ބަހައްޓާފައިވާ ގާތް ގުޅުމުގެ ސަބަބުން، ހިލޭ އެހީ ހޯދައިގެން ރައްޔިތުންނަށް ދަތިނުވާނެހެން އިގްތިސާދު ހިފެހެއްޓި ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ ނާގާބިލް ސަރުކާރެއްގެ ސަބަބުން ރައްޔިތުންނަށް ދުވަހުން ދުވަހަށް ތަކުލީފުތައް ބޮޑުވަމުންދާ މަންޒަރުކަމަށް ދީދީ ވިދާޅުވި އެވެ.

