ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވޯޓިންގެ ވިސްނުމެއް ސަރުކާރުގެ ނެތް، އެފަދަ މަޝްވަރާއެއް ވެސް ނުދޭ: މުސްތަފާ

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އީވޯޓިން ނިޒާމެއް ތައާރަފު ކުރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި ”މޯލްޑިވްސް ޑިޖިޓަލް ސަރވިސް“ ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ.

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ އިދާރާތަކުގެ މެދުގައި ފަސޭހަކަމާއެކު ޑޭޓާ ބަދަލުކުރެވޭނެ އިންޓައޮޕަރަބަލް ނިޒާމެއް ގާއިމުކުރުމެވެ.

ބިލުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ އޮޅުވާލައިގެން 2028 ގައި އީވޯޓިން ނިޒާމެއްގެ ތެރެއިން އިންތިހާބު ބޭއްވުމަށް ކަމަށެވެ. އަދި އިލެކްޓްރޯނިކް ވޯޓިންއެއް ސަރުކާރުން ބޭނުން ވަނީ، ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެތީކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި މުސްތަފާ ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ޑިޖިޓަލް ޓްރާންސްފޯމޭޝަނާ ގުޅޭ ބިލަކީ އީ ވޯޓިން ތައާރަފުކުރުމަށް އަމާޒުކޮށްގެން ހުށަހެޅި ބިލެއް ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުމެއް ނޫންކަމަށާއި، މި ބިލު ފަރުމާކުރިއިރު ވެސް އެފަދަ އެއްވެސް މަޝްވަރާއެއް ނުދާކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، މީގެ 23 އަހަރު ކުރިން ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އުފެދިގެން މިއަދާ ހަމައަށް އައިއިރު، ދިވެހިން ވަނީ ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށްފައި ކަމަށެވެ. މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ އަތުގައި ސްމާޓް ފޯނެއް އޮވެ، ޓެކްނޮލޮޖީގެ ބޭނުން ހިފަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާ ދިގު މުއްދަތެއް ފާއިތުވެ، ޑިޖިޓަލް އިންފްރަސްޓްރަކްޗަރ ވަރުގަދަވަމުން ދިޔައިރުވެސް، އެކަމާ ގުޅިގެން އަންނަ ނުރައްކާތަކުން ރައްޔިތުން ރައްކާތެރިކުރުމަށާއި، ދައުލަތް ހިންގުން ޒަމާނީ ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް މީގެ ކުރީގެ ސަރުކާރުތައް ނުކުޅެދިފައިވާކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑުމެން މި ބިލް ލިޔުނު އިރުގަވެސް އަޅުގަނޑުމެން ޕީއެންސީ މެންބަރުންގެ ވިސްނުންފުޅުގައެއް ނެތް އީ-ވޯޓިންނަކަށް ދާކަށް. އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމެއްވެސް ނޫން، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅެއްވެސް ނޫން.. އީ-ވޯޓިންނަކަށް ދިއުމަށް. އަޅުގަނޑުމެން މި ކުރަން އުޅޭ ކަމަކީ އީ-ވޯޓިންނަށް ދިއުމެއް ނޫން..

މިއީ ރާއްޖޭގައި ”ޑިޖިޓަލް ގަވަރނަންސް“ އެއް ގާއިމުކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅޭ ފުރަތަމަ ގާނޫނުކަމަށް ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަންކަން ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގެނެވޭ ފުރަތަމަ ގާނޫނަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ވާނެިކަމަށެވެ. އަދި ވިދާޅުވީ މިއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭ ނިޒާމަކަށް ދިވެހި ދައުލަތް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެންގެވި މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން މުސްތަފާ ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަން ނެތިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކޮރަޕްޝަނުގެ ތެރެއިން ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވާ ބޭފުޅުންނަށް އެ މަގު ބަންދުވެގެންދާނެކަމަށް ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ބޭނުންވަނީ ކޮންމެ ސަރުކާރަކީ ރައްޔިތުންނަށް ރަނގަޅަށް ހިދުމަތް ފޯރުކޮށްދެވޭ، ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި ރައްޔިތުންގެ ފަޅީގައި އޮވެގެން މަސައްކަތްކުރާ ސަރުކާރަކަށް ވުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: