މުޅި ރާއްޖޭގައި އިމާމުންގެ ދަތިކަން ކުރިމަތިވަމުންދާތީ، އެކަން ހައްލުކުރުމަށްޓަކައި އިތުރު ވަޒީފާގެ ފުރުސަތުތައް ތައާރަފްކުރުމަށާއި، އިމާމުން ކަނޑައެޅުމަށް ރަސްމީ އިމްތިހާނެއް ތައާރަފްކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ ދާއިމީ އަދި ވަގުތީ އިމާމުންގެ ދަތިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ދަތިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ ރާއްޖޭގައި ބިނާކުރާ މިސްކިތްތަކުގެ އަދަދު އިތުރުވަމުން ދިޔުމާއި، ބައެއް ރަށްރަށުގައި ދާއިމީ އިމާމުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފެންވަރުގެ މީހުން މަދުވުމެވެ. މި މައްސަލައަށް އޮތް ހައްލެއްގެ ގޮތުން، އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދީނީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީން ދަނީ ގޮތްތަކެއް ހޯދަމުންނެވެ.
މީގެ އިތުރުން، އިމާމުން ތަމްރީނު ކުރުމަށް ހާއްސަ މުގައްރަރެއް އެކުލަވާލުމާއި، އިމާމުކަމުގެ ޝަރުތު ހަމަވާކަން ކަށަވަރު ކުރުމަށް ގައުމީ ފެންވަރުގެ އިމްތިހާނެއް ތައާރަފް ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، މިކަމާ ގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، ވަކި ގޮތެއް ނިމުމުން އެ ނިޒާމުގެ ތަފްސީލުތައް އާންމުކުރާނެ ކަމަށެވެ.
މިނިސްޓަރު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިހާރު 623 މިސްކިތް ހުރެއެވެ. މީގެ ތެރެއިން 569 މިސްކިތަކަށް ދާއިމީ އިމާމުން އައްޔަނުކޮށްފައިވާއިރު، 554 މިސްކިތެއްގައި ދާއިމީ އިމާމުންގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މިހާރުވެސް 69 މިސްކިތެއްގައި ދާއިމީ އިމާމަކު ނެތްއިރު، 15 މިސްކިތެއްގައި ތިބީ އެންމެ ދެ އިމާމުންނެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ގެންނަ އިސްލާހުތަކުގެ ބޭނުމަކީ ހުރިހާ ރަށެއްގައިވެސް މެދުނުކެނޑި ދީނީ އިރުޝާދު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި، މިސްކިތްތަކުންދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ވަރުގަދަކުރުން ކަމަށެވެ.

