ތިން އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދި މީހުންގެ އަދަދު 70،000 އަށް އަރާކަމަށް ހެލްތް މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގީލާ ހާޒިރު ކުރުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މެމްބަރުގެ ސުވާލުގައި ވަނީ މެންޓަލް ހެލްތް ހޮސްޕިޓަލެއް ވަކިން އެޅުމަށް ނިންމާފައިވާ ސަބަބާއި ގުޅޭގޮތުންނެވެ. އަދި މިފަދަ ހޮސްޕިޓަލެއް މާލެއާއި، މާލެއިން ބޭރުގައި ހުރުމުން ކުރާނެ ގެއްލުމާއި ފައިދާގެ ދިރާސާއެއް ކުރެވިފައި ވޭތޯ ސުވާލުގައި ވެއެވެ.
ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މެންޓަލް ހެލްތް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ހުޅުމާލޭގައި ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން ވެސް ހަމަޖެހިފައިވާކަމަށް ވިދާޅުވި އެވެ.
ގީލާ ވިދާޅުވީ ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ކުރިމަތިވަމުންދާ މީހުންގެ އަދަދު ފާއިތުވި އަހަރުތަކުގައި އިތުރުވެފައިވާކަމަށެވެ. ގީލާ ހާމަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ވަނީ ސައިކިއޭޓްރިސްޓުންގެ އެހީތެރިކަން ހޯދާފައެވެ.
މިނިސްޓަރ ހާމަކުރެއްވި ގޮތުގައި ނަފްސާނީ ފަރުވާ ހޯދި މީހުންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ މާލޭ ސަރަހައްދެވެ. އެގޮތުން ޖުމްލަ 70،000 ކޮންސަލްޓޭޝަންގެ ތެރެއިން 45،000 އަށްވުރެ ގިނަ ފަރުވާ ހޯދާފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންކަމަށް ވިދާޅުވި އެވެ. ގީލާ ފާހަގަކުރެއްވި ގޮތުގައި، މާލޭ ސަރަހައްދުން ފަރުވާ ހޯދާ މީހުންގެ އަދަދު މިހާ އިތުރުވެފައިވުމަކީ މާލޭގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރަންޖެހޭ އެއް ސަބަބެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ނަފްސާނީ ސިއްހަތަށް ދެވިފައިވާ އަހައްމިއްޔަތު ކުޑަކަން ފާހަގަކުރައްވަމުން ގީލާ ވިދާޅުވީ، ވަކި ހާއްސަ ހޮސްޕިޓަލެއް ނެތުމުގެ ސަބަބުން އެކަށީގެންވާ ފެންވަރެއްގައި މި ހިދުމަތް ދިނުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އައިޖީއެމްއެޗްގައި ހިންގަމުންދާ ސެންޓަރ ފޯ މެންޓަލް ހެލްތު އަކީ ބޭނުންވާ ވަސީލަތްތައް ނެތި، މަދު އެނދުތަކަކާއެކު ހިންގާ ތަނަކަށް ވުމުން ވޯކްލޯޑާއި އަދަދާ އަޅާބަލާއިރު އެ ތަނުގެ ގާބިލްކަން ކުޑަކަން ފާހަގަކުރެއްވިއެވެ.
މިހާރު ހުރި ސެންޓަރަކީ މިވަރުގެ ބޮޑު ޕޭޝަންޓް ނަންބަރަކަށް ކޭޓަރ ކުރެވޭ ފަދަ ގޮތަކަށް އޮތް ތަނެއް ނޫން.. އެނދުމަތިކޮށްގެން ފަރުވާ ދެވޭ މިންވަރުވެސް އެތަނުގައި ވަރަށް ކުޑަ
ގީލާ ވިދާޅުވީ ނަފްސާނީ ބަލިމީހުންނަށް ދެވޭ ފަރުވާގެ މަރުހަލާ ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މުހިންމު ފިޔަވަޅު އަޅާފައިވާކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު ތައާރަފްކުރި މެންޓަލް ހެލްތް ހެލްޕްލައިނަށް މިދިޔަ އަހަރު އެކަނިވެސް 10،000 އަށްވުރެ ގިނަ ކޯލް ލިބިފައިވާއިރު، މިއީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް ފަސޭހައިން ވާހަކަދައްކާލައި، އިރުޝާދު ހޯދޭނެ ވަސީލަތެއްކަމަށް ގީލާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސައިކިއޭޓްރިސްޓުންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންދާކަމަށް ގީލާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި ސިޓީ ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އާއި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އެވެ.
ގީލާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކޮށް، ބޭނުންވާ ފުރިހަމަ އަދި ރައްކާތެރި ފަރުވާގެ ނިޒާމެއް ކަށަވަރުކޮށްދިނުން ކަމަށެވެ.

