ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެފްޑީސީގެ އަމާން ދޯދި ފްލެޓެއްގެ ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓިގެން އެ ކުއްޖާއަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަމާން ދޯދި ފަސް ވަނަ ޓަވަރުގެ ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓިފައިވާކަމުގެ ރިޕޯޓު ލިބުނީ ރޭ 23:14 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވާ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް، މިހާރު އައިޖީއެމްއެޗްއަށް ބަދަލުކޮށްގެން ދަނީ ފަރުވާދެމުންނެވެ.
އެ ކުއްޖާ ވެއްޓެން މެދުވެރިވި ސަބަބެއް ހާމަކޮށްފައިނުވާއިރު، ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

