ދިވެހިރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމެވި ނިންމެވުން ބާތިލުކޮށް، އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފިއެވެ.
މި މައްސަލައަކީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ’މިވެށި‘ ޖަމިއްޔާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ. އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން އިއްޔެ ވަނީ އެ މައްސަލަ ކޯޓަށް ބަލައިގަންނަންޖެހޭނެ ކަމަށް އިއްތިފާގުން ނިންމާފައެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އިސްމާޢީލް ޝަފީޢު، ފަނޑިޔާރު ޙުސައިން މަޒީދު އަދި ފަނޑިޔާރު ޙަސަން ޝަފީޢުއެވެ. ފަނޑިޔާރުންގެ ނިންމެވުމުގައި ބަޔާންކޮށްފައިވަނީ، ޤާނޫނުއަސާސީގެ 22 ވަނަ މާއްދާއާ (ތިމާވެށި ހިމާޔަތްކުރުން) މި ނިންމުން ޚިލާފުވާ ގޮތުގެ އެކަށީގެންވާ މަޢުލޫމާތު ހުށަހަޅާފައިވާތީ، އެ މައްސަލަ ބަލައިގަންނަންޖެހޭނެ ކަމަށެވެ.
މި މައްސަލަ އެންމެ ފުރަތަމަ ހައިކޯޓަށް ހުށަހެޅީ 9 ޑިސެމްބަރު 2025 ގައެވެ. ނަމަވެސް ރެޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވުމުން، އެކި މަރުޙަލާތަކުގައި މައްސަލަ އިސްލާޙުކޮށް ހުށަހެޅުމަށްފަހު، އެންމެ ފަހުން ރެޖިސްޓްރާގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދުނީ 23 އެޕްރީލް 2026 ގައެވެ. ހަ މަހަށްވުރެ ގިނަ ދުވަހުގެ ގާނޫނީ މަރުޙަލާތަކަކަށްފަހު، ހައިކޯޓުގެ ފަނޑިޔާރުން މިވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައެވެ.
ހައިކޯޓުގެ ގަވާއިދުގެ 29 (ފ) ގެ ދަށުން، ފަނޑިޔާރުންގެ ނިންމުން ލިބޭތާ 10 ދުވަހުގެ ތެރޭގައި މި މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅަންޖެހޭނެއެވެ.
ދިވެހިރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން 2010 ވަނަ އަހަރުން ފެށިގެން މަނާކޮށްފައި އޮތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 2025 އޯގަސްޓް މަހު ވަނީ ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ނިންމަވާފައެވެ. މި ނިންމުމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ވަނީ 1 ނޮވެމްބަރު 2025 ގައި ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފައެވެ.
މި ގަވާއިދުގެ ދަށުން 40 އުޅަނދަކަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރާއިރު، މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 1 އިން ޖޫން 30 އަށެވެ.
ކަށިމިޔަރުގެ އާބާދީއަކީ ވަރަށް ދުވަހުން އިތުރުވާ އާބާދީއަކަށްވާތީ، މި ބާވަތުގެ މަސްވެރިކަން ކުރުމުން ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިއީ ބައިނަލްއަޤުވާމީ ގޮތުން ހިމާޔަތްކޮށްފައިވާ ބާވަތެއްކަންވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވަނީ ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް ގޮވާލައި ޤަރާރެއްވެސް މީގެ ކުރިން ހުށަހަޅުއްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ މައިދާނުގައި ހުތުރު ނަމެއް ލިބިގެންދާނެއެވެ.

