އދ. ހަންޏާމީދޫގައި ހިނގައިދިޔަ ނުރައްކާތެރި އަދި އެހާމެ ހިތާމަވެރި ހާދިސާއެއްގައި، ހާއްސަ އެހީއަށް ބޭނުންވާ 13 އަހަރުގެ ފިރިހެން ކުއްޖަކު ބަގީއެއްގައި މޫދަށް ވެއްޓި ނިޔާވެއްޖެއެވެ. މި ހާދިސާއަކީ މުޅި ރަށަށާއި އާއިލާއަށް ބޮޑު ސިހުމެއް ގެނުވި ކަމެކެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކުއްޖާގެ ކާފައާއެކު ބަނދަރު ސަރަހައްދުގައި ހުންނަ ޕާކަކަށް ކުރުނބާ ބާލަން ގޮސް އުޅުމުގެ ތެރޭގައެވެ.
މި ހާދިސާއި ގުޅިގެން ހަންޏާމީދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ޖަމްޝީދު ވިދާޅުވީ އެކުއްޖާގެ ކާފަޔާއިއެކު އޭނާ ދިޔައީ އެރަށުގެ ބަނދަރު ކައިރީގައި ހުންނަ ޕާކަށް ކުރުނބާ އަޅަން ކަމަށެވެ. އަދި އެ ކުރުނބާ އަޅައިދޭ މީހާ އައި ބަގީއެއްގައި ކަމަށާއި، އެ ބަގީ ޕާކުކުރީ އެ ޕާކުގެ ތެރޭގައި ކަމަށެވެ.
އެކުއްޖާގެ ކާފަޔާއިއެކު އެތަނަށް ދިޔައީވެސް ބަގީއެއްގައި ކަމަށާއި، ދެމީހުންގެ ބަގީވެސް ހުރީ ކައިރި ކައިރީގައި ޕާކުކޮށްފައި ކަމަށް ޖަމްޝީދު ވިދާޅުވިއެވެ. އައިއޯ ފާޙަގަކުރެއްވި ގޮތުގައި އެކުއްޖާއަކީ 13 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެއެވެ.
”އެމީހުން ކުރުނބާ ބާނަން އުޅުނު ވަގުތު އެކުއްޖާ ކައިރީގައި ބުނި މިތާ މަޑުކުރާށޭ. ބުނީމަ ބުނި މިތާ ކައިރީގައި މަޑުކުރާނަމޭ ކާފާ. ކުއްޖާވެސް އެހެން ބުނުމާއިއެކު އެ މީހުންވެސް ކުރުނބާ ބާނަން މިއުޅެނީ. ދެން އޭނަ ޖާފަ އެކުއްޖާ ގެންގުޅެނީ. ކައިރީގައި ހަމަ ދޫކޮށްނުލާ ހިފަހައްޓައިގެން ގެންގުޅޭ ކުއްޖެއް އެއީ“
އައިއޯ ވިދާޅުވީ އެކަން ހިނގީ ވަރަށް ކުޑަ ވަގުތުކޮޅެއްގައި ކަމަށާއި، އޭރު އެކަން ހިނގީވެސް އެމީހުން ކުރުނބާ އަޅަން އުޅުނު ވަގުތުކޮޅުގައި ކަމަށެވެ. އެކުއްޖާ ބަގީއަށް އަރައި ދުއްވާލިތަން ފެނުނުނީ ރުކަށް އެރި ވަގުތުގައި ކަމަށް އައިއޯ ވިދާޅުވިއެވެ.
އައިއޯ ވިދާޅުވީ ޕާކާއި ބަނދަރު ވާޓަރާއި ދެމެދުގައި ހުންނާނީ 20 ނުވަތަ 30 ފޫޓު ކަމަށެވެ. އެކުއްޖާ ބަގީގައި ގޮސް ވާޓަރުގައި ޖެހި، އެކުއްޖާ ވިއްސައިގެން ގޮސް ފަޅުގައި އޮތް ޑައިވިންގ ދޯންޏެއްގައި ޖެހުނު ކަމަށް އައިއޯ ވަނީ ބުނެފައެވެ. އައިއޯ ވިދާޅުވީ އެއަށް ފަހު އެކުއްޖާ ނެގީ އެތާ ބަނދަރުގައި ތިބި ބަޔަކު ކަމަށެވެ.
އެކުއްޖާ ގެންދިޔައީ އެއަށްފަހު އެރަށުގެ މަރުކަަޒަށް ކަމަށާއި، އެހެންނަމަވެސް އައިއޯ ވިދާޅުވީ މައުލޫމާތު ލިބުނު ގޮތުގައި ގެންދިޔަިއރުވެސް ވިންދުނެތް ކަމަށެވެ.

