އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހި ޢާއިލާތަކުގެ މެންބަރުންނަށް، ޢާއިލާގެ ފަރާތުން އެހީފޮނުވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިއަދު ކުރައްވާފައިވާ ޓްވީޓްގައިވަނީ، ކާގޯ ފްލައިޓް މެދުވެެރިކޮށް ޢާއިލާގެ މެންބަރުންނަށް ”ކެއަރ ޕެކޭޖް“ ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސެވީ، ލަންކާގައި ތިބި ދިވެހީންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންކަމަށެވެ.
https://twitter.com/abdulla_shahid/status/1244555594305908738?s=20
ޝާހިދު ވިދާޅުވީ މިކަމާއި ގުޅޭ އިތުރު ތަފުސީލު މާދަމާ ހާމަކުރައްވާނެކަމަށާއި، މި ކަމުގެ ސަބަބުން ލަންކާގައި އުޅޭ ދިވެހީންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިކަމާއި ގުޅޭގޮތުން، މަބްރޫކް ވިދާޅުވީ އެކަން ސަރުކާރުން ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެދަށުންކަމަށާއި، އަންނަ ހަފުތާގެ އާދިއްތަ ދުވަހު މޯލްޑިވިއަންގެ ކާގޯ ފްލައިޓް މެދުވެރިކޮށް ލަންކާގައި ދިރިއުޅެމުންދާ ދިވެހި ޢާއިލާތަކަށް އެހީ ފޮނުވޭނެކަމަށެވެ.
ސްރީލަންކާއަކީ، ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ. މި ގޮތުން އެ ޤައުމުގައި ފަނަރަހާހެއްހައި ދިވެހީން ދިރިއުޅެމުންދެއެވެ. ކޯވިޑް-19 އިގެ ސަބަބުން، އެ ޤައުމުގައި ކާފިއު އިޢުލާނުކުރުމުގެ ސަބަބުން، ފިހާރަތަކުގައި ދިގު ކިޔުތައް ހަދާފައި އޮންނާތީ، ދިވެހީންނަށް ވަނީ ވިޔަފާރިކުރުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ.

