ގޭގައި ތިބެގެން ޚިދުމަތްތަކަށްއެދި ފޯމު ހުށަހެޅުމާއި ފައިސާދެއްކުމުގެ އިންތިޒާމުތައް ސްޓެލްކޯއިން ހަމަޖައްސައިފިއެވެ.
ސްޓެލްކޯއިން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، ސްޓެލްކޯއިން ދެމުންއައި ބައެއް ޚިދުމަތްތަށް، ކޯވިޑް-19 އާއި ގުޅިގެން މަޑުޖައްސާލަން ޖެހިފައިވާކަމަށެވެ.
ނަމަވެސް ކުރިއަށްއޮތީ ރަމަޟާން މަސްކަމަށްވާތީއާއި، ސަރުކާރު ބަންދު ނަމަވެސް ރައްޔިތުންނަށް ބޭނުންވާ، މި ކުންފުންޏާއި ގުޅުންހުރި އަސާސީ ޚިދުމަތްތައް ލިބޭނެ މަގެއް ހޯދައިދިނުމަށާއި، ގްރޭޓަރ މާލެ ސަރަޙައްދަށް މިވަގުތަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، ގޭގައި ތިބެގެން ޚިދުމަތްތައް ހޯދުމުގެ ނިޒާމު އެކުލަވާލައިފައިވާކަމަށެވެ.
މި ގޮތުން، ގްރޭޓަރ މާލެ ސަރަޙައްދުގައި، މި ވަގުތަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތަކަށް އެދި އޮންލައިންކޮށް ފޯމުހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށާއި، ފޯމު ހުށަހަޅަން ޖެހޭނީ، އެ ކުންފުނީގެ އީމެއިލް application@stelco.com.mv އަށްކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، ސްޓެލްކޯގެ ކޯލް ސެންޓަރު މެދުވެރިކޮށް، ކަރަންޓާއި ގުޅުންހުރި މުދާގަތުމާއި ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިންވަނީ އަތޮޅުތަކުގައިހުރި، އެ ކުންފުނީގެ އިންޖީނުގެތަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ވަގުތަކަށް ބަދަލެއް ގެނެސްފައެވެ. މި ގޮތުން ސަރުކާރު ބަންދު ހަފުތާތަކުގައި އިންޖީނުގެ އޮފީސް ހުޅުވާނީ، ކޮންމެ ހަފުތާއެއްގެ ހޯމައާއި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން، މެންދުރުފަހު 13:00 އަށެވެ.
ސްޓެލްކޯއިން ބުނީ ބިލުތަކަށް ފައިސާދެއްކުމަށްޓަކައި، އެ ކުންފުނީގެ އެޕްލިކޭޝަންއާއި ވެބްސައިޓް ބޭނުންކުރުމަށް އެދޭކަމަށާއި، މި ފަދަ ހާލަތެއްގައި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި، މި ވަގުތަށް ކޮންމެހެން ބޭނުންނުވާ ޚިދުމަތްތަށް ލަސްކޮށްލުމަށެވެ.

