ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން އަކަށް ދިޔުމާ ގުޅިގެން އެޤައުމުގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އެރުމާ ގުޅިގެން ރާއްޖެއަށް ގެންނަން ތައްޔާރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓްތައް ރާއްޖެ ނުގެނެވި ހުރުމާ ގުޅިގެން އެތަކެތި ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިވަގުތު އިންޑިއާގެ އެތެރޭގެ ދަތުރުފަތުރު އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވުމުން ބޭސްތައް ހުރި ސިޓީތަކުން އެއްތަނަކަށް ގެންގޮސް، ރާއްޖެއަށް ބޭސް ގެނައުމުގައި ދަތިތަކެއް ހުރުމާ ގުޅިގެން، އެތަކެތި ގެނައުމަށް ރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ، އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.
އެގޮތުން މާދަމާގެ ވަގުތެއްގައި އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި އިންޑިއާގެ ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދޫރާއީގައި ހުރި 8 ޓަނުގެ ބޭސް ރާއްޖެ ގެނައުމަށް އެއްތަނަކަށް ގެންދެވޭނެއެވެ. އަދި ބުރާސްފަތި ދުވަހު އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި މިބޭސްތައް ރާއްޖެއަށް ގެނެވޭނެއެވެ.
މިއީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން އޯޑަރުކޮށްފައިވާ ބޭހުގެ ޝިޕްމަންޓަކެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ 3 މަސްދުވަހުގެ ސްޓޮކެއް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ދީފައިވެއެވެ. އަދި ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް ގެނައުމަށް ދިމާވި ދަތިތައްވެސް ހައްލުކޮށް، ކާޑުގެ ޝިޕްމަންޓްތައް ވަނީ ރާއްޖެ ގެނެސްފައެވެ.

