މާޗްމަހުގެ 31 ވަނަ ދުވަހަކީ، ދިވެހިންނަށް ވަރަށްބޮޑު ހިތާމައެއް ކުރިމަތިވި ދުވަހެކެވެ. ދިވެހިންގެ ލޯތަކުން ކަރުނަ ނީރާލައި، ކަރުނަ އޮހޮރައިލި ދުވަހެކެވެ. ދިވެހިންގެ ހިތްތަކަށް ހިތްދަތިކަން ގެނުވި ދުވަހެކެވެ. އާދޭހެވެ. 31 މާޗް 1944 ވީ ދުވަހަކީ، ދިވެހިންގެ ފަޚުރެއްކަމަށްވާ ބޭފުޅަކު ގެއްލުނު ޚަބަރު ދިވެހިންނަށް ލިބުނު ދުވަހެވެ. ހިތާމައަކީ، މި ޚަބަރު ރާއްޖެއާއި ހިސާބަށް ފޯރީ، އެ ހާދިސާއެއް ހިނގުމުގެ ހަތަރު ދުވަސް ފަހުންކަމެވެ.
އެ ބޭފުޅަކީތޯއެވެ. 28 ޖުމާދުލްއޫލާ 1322 ގައި، އާދެ 10 އޮގަސްޓް 1904 ގައި ދުނިޔޭގެ އަލިކަންދެކެވަޑައިގަތް އެ ބޭފުޅަކީ، ޑޮންލުއީގެ ފުތް، ހުރާ ދޮންމަރުދުރު ފަނޑިއަތްތަކުރުފާނުންގެ ފުތް، ޙުސައިން ދަހަރަދަ ކަލޭގެފާނުގެ ފުތް، މުޙައްމަދު ފާމުދޭރި މަނިކުފާނުންގެ ފުތް، އަލްޣާޒީ ޙަސަން ޢިއްޒުއްދީން( ދޮންބަންޑާރައިން ) ގެ ފުތް، އައްސުލްޠާން ޙަސަން ނޫރައްދީނުގެ ފުތް، މުޙައްމަދު މުޢީނުއްދީނުގެ ފުތް، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނުގެ ފުތް، އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ދަރިކަނބަލުން އަލްއަމީރާ ދޮންގޮމާގެ ލޮބުވެތި ދަރިކަލުން އަލްއަމީރު ޙަސަން ފަރީދުދީދީއެވެ.
އެ މަނިކުފާނުގެ ބައްޕާފުޅަކީ، އިސްވެ ދެންނެވި ޑޮންލުއީގެ ފުތް، ހުރާ ދޮންމަރުދުރު ފަނޑިއަތްތަކުރުފާނުންގެ ފުތް، އިބްރާހިމް އެދުރުތަކުރުފާނުގެ ފުތް، އަލީ ބޮޑުމުރީދު ތަކުރުފާނުންގެ ފުތް، ޙުސައިން ދޮށިމޭނާކިލެގެފާނުގެ ފުތް، އަޙްމަދު ދޮށިމޭނާކިލެގެފާނު ނައިފަރުގޭ މަރްޔަމް މަނިކެއާއި ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ދަރިކަލުން ޢަލީ ދޮށިމޭނާކިލެގެފާނާއި، މާލޭ ދީނުކަލޭފާނުގެ މަރްޔަމް މަނިކެއާއި ދެމަފިރިކަނބަލުންގެ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ.

އިސްވެ މި ދެންނެވި ތާރީޚުގައި، ދިވެހީންނަށް އެ މެސެޖު ލިބުނީ، ކޮޅުނބުގައި ހުންނަ އިނގިރޭސީންގެ ޗީފް ސެކްރެޓަރީ، އަޅުގަނޑުމެންގެ ސުއްމުވުލްއަމީރު މަރުޙޫމު މުޙައްމަދު އަމީންދީދީއަށް ފޮނުއްވެވި ވައިރުލެސް މެސެޖުންނެވެ. ތިރީގައި މި ބަޔާންކޮށްލަނީ އެ ދުވަހު ދެއެއްޖަހަން އުޅެނިކޮށް ލިބިގެންދިޔަ ހިތާމަވެރި މެސެޖެވެ.
”ޗީފް ސެކެޓްރީގެ ކިބައިން އަމީންދީދީއަށް. އަލްއަމީރު ޙަސަން ފަރީދުދީދީ ދަތުރުކުރެއްވި މަނަވަރު ދުޝްމިނުންގެ ހަރަކާތުން ފެތިއްޖެކަމުގައި ޤަބޫލުކުރެވިއްޖެ ވާހަކަ، ވަރަށް ބޮޑު ހިތާމައާއެކުގައި އަންގަމެވެ. ސިޓީއެއް މީގެ ފަހަތުން އެބަ ފޮނުވަމެވެ.“
މިހާ ހިސާބުން މާޒީގެ ސޮފުހާތައް މި ސޮއްސައިލަނީ، އެ މަނިކުފާނު މާޗް 31 ވަނަ ދުވަހުގެ ކުރިއަށެވެ. އެ މަނިކުފާނު ގެއްލުނު ދަތުރުފުޅުގައި ސަރަންދީބު (ސްރީލަންކާ) ގެ ކޮޅުނބަށް ފުރާވަޑައިގަތީ، ވަރަށް ބިޒީކޮށް އުޅުއްވުމަށްފަހުގައެވެ. މި ގޮތުން އެ މަނިކުފާނު އެންމެފަހުން އުޅުއްވީ، ”އައްޑޫ ގަޑުބަޑު“ ހަމަޖެއްސެވުމުގައެވެ. ހިޖުރީ ސަނަތުން 1363 ވަނަ އަހަރު ރަބީޢުލް އައްވަލްމަހުގެ ފަހުކޮޅުގައި، އެ މަނިކުފާނު އައްޑުއަށް ވަޑައިގެން، އައްޑޫގައި ހުރި ބައެއް މައްސަލަތައް ހައްލުކުރެއްވުމަށްފަހު، އައްޑޫގެ ވެރިއެއްކަމުގައި ސިއްކަ ޢަލީ މަނިކުފާނު ބެހެއްޓެވިއެވެ. އެއަށްފަހު، އިނގިރޭސިވިލާތުގެ ބޯޓެއްކަމަށްވާ ”އެޗް.އެމް.އެސް. މާލޮއީ“ ގެ ފަޅުވެރިންނާއެކު، އެ ބޯޓުގައި ދަތުރު ފެށްޓެވިއެވެ.
ދަތުރުގެ ފުރަތަމަ މަންޒިލަކަށްވީ ހައްދުންމައްޗެވެ. އެ އަތޮޅުން ކޮޅުމަޑުލަށް ވަޑައިގެން، 1 ރަބީޢުލްއާޚިރު 1363 ވީ އާދީއްތަ ދުވަހު، އެ އަތޮޅުން ކޮޅުނބަށް ފުރާވަޑައިގަތެވެ. އެއީ މީލާދީ ސަނަތުން، 26 މާޗް 1944 އެވެ. އެހެންނަމަވެސް ކޮޅުނބަށް ވަޑައިގަތުމުގެ ނަސީބެއް އެ މަނިކުފާނަކަށް ލިބިވަޑައެއްނުގަތެވެ. ޖެހިގެންއައި ހޯމަދުވަހު، އިނގިރޭސީންގެ އުޅަނދުފަހަރު ހަލާކުކުރުމުގެ ނިޔަތުގައި، އިންޑިއާ ކަނޑުގައި އުޅުނު ޖަރުމަނުވިލާތުގެ ޔޫ- 510 (U-510) މި ނަންބަރުދީފައިވާ ސަބްމެރީންގެ ޝިކާރައަކަށް ”އެޗް.އެމް.އެސް. މާލޮއީ“ ވެގެން ހިނގައްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގީ، އަވަށްޓެރި އުތުރުކަރަ(އިންޑިއާ) އިގެ ”ކޭޕް ކޮމޯރިން“ ގެ 160 ނޯޓިކަލް މޭލު ދެކުނުން، 05.25 N ، 77.32 E ، ހައި ހިސާބުގައެވެ. މި ހާދިސާގައި، ބޯޓުގެ ކޮމާންޑަރާއި ކުރޫންގެ 16 މީހުންނާއި، ދެ ފަސިންޖަރުން ކަމަށްވާ އަޅުގަނޑުމެންގެ ލޮބުވެތި އަލްއަމީރު ޙަސަން ފަރީދުދީދީ އާއި ފްލައިޓް ލެފްޓަނަންޓް ވޯކަރު، މާސިންގާ ކަނޑުގެ އަނދިރިކަމުގެތެރެއަށް ޣަރަޤުވެދިޔައީއެވެ.
އަލްއަމީރު ޙަސަން ފަރީދުދީދީއަކީ، އަގުނުކުރެވޭފަދަ އެތަކެއް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުކަމަށް ވިޔަސް، ދިވެހީންގެ ޙައްޤުގައި އެ މަނިކުފާނު ދެއްކެވީ ފުރިހަމަވެގެންވާ ނަމޫނާއެކެވެ. މި ގޮތުން ބަލާއިރު، ރާއްޖޭގެ ރައްޔިތުން ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންވާ ކާޑުފޮނުއްވައި، ސަރުކާރު ހިންގެވުމުގެ އެންމެ މުހިންމު އެއް ލީޑަރަކީ އެ މަނިކުފާނެވެ. މީގެ އިތުރުން އެ މަނިކުފާނަކީ، ހަނގުރާމައިގެ ފޯރިގަދަވެފައިއޮތް އިންޑިއާ ކަނޑުގެތެރޭގައި، ޖަރުމަނުގެ ސަބްމެރީންތަކާއި ހަނގުރާމަވެރި މަނަވަރުތަކުގެ ކުރިމަތީގައި ހުޝިޔާރުކަމާއެކު، ދިވެހީންނަށްޓަކައި އެތައް ދަތުރެއްކުރެއްވެވި ބޭފުޅެކެވެ. އަދި ކީއްތޯއެވެ. އެ މަނިކުފާނުގެ ދެބެއިންގެދެދަރި ބޭފުޅެއްކަމަށްވާ ސުމުއްވުލް އަމީރު މުޙައްމަދު އަމީންދީދީ ވިދާޅުވިފަދައިން، ”އޭނާ ކުރެއްވި ޚިދުމަތްތަކުގެ ދިގުމިން ބަލާނެ ފީތާއެއް، ފުންމިން ބަލާނެ މުޑުތެއް، ބަރުމިން ބަލާނޭ ތިލަފަތެއް ނުވެއެވެ.“
މާތްﷲ އެ މަނިކުފާނަށް ރަޙްމަތްލައްވާށިއެވެ! އާމީން!


One Response
އޭނާ ކުރި ޚިދުމަތަކީ ދަޢުލަތް ފޭރުން.. ދިވެހިން ބަނޑަށް ޖެހި މަގޫފަތްކަމުން ދިޔަ އިރު އެތަށް މިލިޔަނެއް ދައުލަތުންޕަކަޅާކޮށް ސިލޯނުން ގަނޑުވަރެއް ބައްލަވައިގަނެ އާޓު ދެއްކުންކުރި ޚިދުމަތަކީ. އަމީނުގެވެސް އެހީގަ.. އެއީ މިހާރަށް ބަލާނަމަ ބިލިޔަން ރުފިޔާ