ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފައްޓަވާފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ ޗެލެންޖުގައި ބައިވެރިވެވަޑައިގަތުމަށް، ކުރީގެ ރައީސް ނަޝީދު އަރިހުން އެދިވަޑައިގެންފިއެވެ.
ޑރ.ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤުރުއާން ކިޔެވުމުގެ ޕްރޮގުރާމްގައި ބައިވެރިވެވަޑައިގަތުމަށް އެދޭކަމަށާއި، ދަޢުވަތު ޤަބޫލުފުޅު ކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.
https://twitter.com/Mohamedshaheem1/status/1244911339937685504?s=20
ރައީސް ނަޝީދުގެ އިތުރުން، ދަޢުލަތުގެ އިސް ދެ ބޭފުޅުންނަށް ވެސް ޝަހީމްވަނީ ދަޢުވަތު އަރުވާފައެވެ. މި ގޮތުން، ނައިބު ރައީސް ފައިޞަލް ނަސީމަށާއި، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އަށް، ޑރ.ޝަހީމްވަނީ ދަޢުވަތު އަރުވާފައެވެ.
މީގެ އިތުރުން ދަޢުވަތު އެރުވި ބޭފުޅުންގެތެރޭގައި، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާއާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފާއި، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ބައިވެރިވެވޭ މި ޗެލެންޖު، މި މަހުގެ 29 ވަނަ ދުވަހު ޑރ. ޝަހީމް ފައްޓަވާފައިވާއިރު ގިނަބައެއްގެ ތަރުޙީބުދަނީ ލިބެމުންނެވެ. ކޮންމެ ބޭފުޅަކު ވެސް، މި ދުވަސްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޤުރުއާން އެއްކޮށް ކިޔަވައި ޚަތިމުކުރުމަށާއި، ހުސް ވަގުތަކީ އަބަދު ލިބޭނެ އެއްޗެއް ނޫންކަމަށް ވިދާޅުވެ ޑރ.ޝަހީމްވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ހަމައެއާއެކު ޑރ.ޝަހީމް ވިދާޅުވީ، އަންނަ އޭޕްރީލްމަހުގެ 17 ވާ ހުކުރުދުވަހު ޢަޞުރުނަމާދާއި ހަމައަށް ޚަތިމުކޮށް ނިންމަވައި ދުޢާ ކިޔުއްވާނެކަމަށެވެ.
ޑރ.ޝަހީމްގެ މި ޗެލެންޖު ކުރިއަށްދާއިރު، ކޯވިޑް-19 އާއި ގުޅިގެން، ސޯޝަލް މީޑިއާގައި، އެންމެ ބޮޑަށް މިހާރު ޓްރެންޑްވަމުންދާ ”ސްޓޭއެޓްހޯމްޗެލެންޖް“ ނިކަން ފޯރިއާއެކު ކުރިއަށް އެބަދެއެވެ. މި ޗެލެންޖުގައި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެން ވަގުތު ބޭކާރުކޮށްލައްވާފައިވާއިރު، ”ހިތްތަކުގެ“ ރައީސް، ރައީސް ނަޝީދުވަނީ، ހުނަރު ދައްކަވަން އުޅުއްވަނިކޮށް ބޮޑުތަނުން ފެއިލްވެ، ”ހިތްތަކުގެ“ އަހުލުވެރިންގެ ހިތްތައް ފަޅަފަޅައިގެންދާފަދަ ގޮތެއްގައި ވެއްޓި އިނދަޖެހިވަޑައިގެންފައެވެ.

