ކޯވިޑް-19 އާއި ގުޅިގެން އިންޓަރނެޓުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރާއި، މަދަރުސާތައް ބަންދުކުރުމާއެކު، ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރު މުޢައްސަސާތަކުގެ މުވައްޒަފުންނަށް ވަނީ އަންގަވާފައެވެ. މި ގޮތުން، މި ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތައް ކުރަމުންނެވެ.
އޭގެތެރޭގައި ހިމެނޭ އެއްކަމަކީ، މުއާޞަލާތީ ޚިދުމަތްތައްކާއި އިންޓަރނެޓުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
މި ކަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި، އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުންވަނީ ދަޢުވަތު އަރުވާފައެވެ.
މި ކަމާއި ގުޅިގެން ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، މި ފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މާލީ ހާލަތަށް ބަދަލުތަކެއް އަންނާނޭކަން ދެނެގަނެ، ގޭގައި މަޑުކުރުމާއި، ގޭގައި ތިބެގެން ދަރިވަރުންނަށް އުނގަންނައިދިނުމުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، މި ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްއެދި، އެ ކުންފުނިތަކުގައި ދަންނަވާފައިވާނެކަމަށެވެ.
މި ގޮތުން ސަރުކާރުންވަނީ މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން ޢަމަލުކުރުމަށް ގޮތްތަކެއް ހުށަހަޅާފައެވެ.
މުވާސަލާތީ ކުންފުނިތަކުން ޢަމަލުކުރުމަށް ސަރުކާރުން ހުށަހެޅި ގޮތްތަށް:
1.ކޯވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެން.އީ.އޯ.ސީ) އާއި، އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓަރނެޓުގެ ޚިދުމަތްތައް އެއްވެސް އަގަކާއިނުލައި ފޯރުކޮށްދިނުން.2
2.ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއިނުލައި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުން.
3.މި ދަނޑިވަޅުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށްބަލައި، ”ޑޭޓާ ކެޕް“ ނުވަތަ އިންޓަރނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ ”ޑޭޓާ އެލަވަންސް“ އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ ”ޑޭޓާ ބޫސްޓަރ“ ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުން.
4.ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ ”ޑޭޓާ އެލަވަންސް“ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %70 ކަސްޓަމަރުންނަށް، އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %50 ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދިނުން، ނުވަތަ ފިކްސްޑް ބްރޯޑްބޭންޑާއި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ ”ޑޭޓާ އެލަވަންސް“ ހަމަވުމުން އިންޓަރނެޓުގެ ޚިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އައުކުރެވޭ ”ޑެއިލީ އަންކެޕްޑް އެލަވަންސް“ އެއް ތަޢާރުފުކުރުން.
މީގެ އިތުރުން، ”ޑޭޓާ އެލަވަންސް“ ހަމަވުމުން އިންޓަރނެޓުގެ ޚިދުމަތް ހަލުވި ސްޕީޑެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަހިގޮތްތަކެއް އިންތިޒާމުކުރުމަށް މަސައްކަތް ކުރާން ވާނެކަމަށް ކުންފުނިތަކުގައި ދަންނަވާފައިވާނެކަމަށާއި، އެކަކު އަނެކަކާއި މުވާސަލާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްސަ ޑޭޓާ ޕެކޭޖުތަކެއް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދަންނަވާފައިވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، ކޯވިޑް-19 އާއި ގުޅިގެން، ކުރިމަތިވެފައިވާ މިފަދަ ހާލަތެއްގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މުވާސަލާތީ އަދި އިންޓަރނެޓުގެ ޚިދުމަތްތަށް ފޯރުކޮށްދިނުމަށް، މުވާސަލާތީ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުނިތަކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް ޝުކުރުއަދާކުރާކަމަށެވެ.

