”ސްޓޭއެޓްހޯމް“ އަމުރުގެ ވަގުތުގައި، ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ޖުމްލަގޮތެއްގައި ދައްކާފައިވަނީ އަމުރަށް ކިޔަމަންވުމުގެ ރީތި ނަމޫނާއެއްކަމަށް، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
ރޭ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ ހަވީރު 17:00 އިން، 20:00 އާ ދޭތެރޭ މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގެ ރައްޔިތުން ޖުމްލަގޮތެއްގައި ދައްކާފައިވަނީ، އަމުރަށް ކިޔަމަންވުމުގެ ރިވެތި ނަމޫނާއެއްކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ފަދައިން ޢަމަލުކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ، ކާފިއުގެ އަމުރު ތަންފީޒުކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއެކު، މަގުމަތީގައި ހަރަކާތްތެރިވި 112 ފުލުހުންގެ ފަރާތުން ފެނިގެންދިޔައީ އަމުރަށް ނުކިޔަމަންވި، މަދު މީހުންނާމެދު ވެސް އޯގާތެރިކަމާއި، ޕްރޮފެޝަނަލިޒަމްއާއެކު މުޢާމަލާތް ކުރެއްވިތަން ކަމަށެވެ.
އިމްރާން ވިދާޅުވީ ފުލުހުންގެ އެ މަސައްކަތްތަކަށް ސާބަސް ދަންނަވާކަމަށެވެ.
ކޯވިޑް- 19 އާއި ގުޅިގެން އިއްޔެ ހިންގި ކާފިއުގެ ވަގުތުތަކުގައި މަގުތައް ރަމަތަވެފައިވީ ނަމަވެސް، ބައެއް މީހުންވަނީ އަމުރަށް ނުކިޔަމަންތެރިވެ މަގުމައްޗަށް ނިކުމެފައެވެ. މި ގޮތުން، ކާފިއުގެ ވަގުތުތަކުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙަސަން ޙަމީދާއެކު މަގުމަތީގައި ހަރަކާތްތެރިވި ފުލުހުންގެ ޓީމުންވަނީ، 95 މީހަކަށް ނަސޭހަތްތެރިވެފައެވެ. އެއީ 13 ބިދޭސީންނާއި، 82 ދިވެހިންކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.


