ކޯވިޑް-19 ބަލިން ރަނގަޅުވެފައިވާ ދެ މީހަކު، އިއްޔެ ދޫކޮށްލަފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ހުކުރު ދުވަހު ރޭ ދަރުބާރުގޭގައި، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބަލިން ރަނގަޅުވެފައިވާ ދެ މީހަކު އިއްޔެ ދޫކޮށްލާފައިވާކަމަށާއި، އެ ދެމީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެކަހެރިކޮށްފައި ތިބި ދެ މީހުންކަމަށެވެ.
މީގެ އިތުރުން މަބްރޫކު ވިދާޅުވީ، އެ ދެމީހުންނަކީ އއ. ސޭންޑީޒް ބަޠަލާ ރިސޯޓުގެ ކޭސްއާއި ގުޅިގެން، ދަރުމަވަންތަ ހޮސްޕިޓަލަށްގެނެސް ފަރުވާދިން ދެ މީހުންކަމަށާއި، އެ ދެމީހުން ދޫކޮށްލީ ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ކަމަށެވެ.
އެ ދެމީހުން ދޫކޮށްލީ އިއްޔެ ރާއްޖެއިން ފުރައިގެން ޤައުމަށްދާ ގޮތަށްކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19 އަށް 15 ބިދޭސީއަކު ޕޮޒިޓިވްވެފައިވާއިރު، މިހާރު ދޫކޮށްނުލާހުރީ ހަމައެކަނި އިޓަލީވިލާތުގެ ފަތުރުވެރިއެކެވެ. އެ މީހާގެ ފުރަތަމަ ސާމްޕަލް މި ހުސްވި މާޗް މަހުގެ 26 ވަނަ ދުވަހުގައި ނެގެޓިވްވެފައިވާއިރު، ދެ ހަފުތާފަހުން އޭނާ ނެގެޓިވްވެއްޖެނަމަ ދޫކޮށްލާނެކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ބަކީތިބީ ހަތަރު ދިވެހިންކަމަށާއި، އެ މީހުންނަށް ފަރުވާކުރަމުން އަންނަކަމަށައި، އެ މީހުންގެ ބަލިހާލަތު ވެސް ރަނގަޅުކަމަށް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.

