ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރު ވެރިކަމަށް އައިސްގެން ވީ ފަސޭހައެއް ނެތް، ރައްޔިތުން ތިބީ މާޔޫސް ވެފަ: ޝިފާއު

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާއު /ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި އެއްވެސް ރައްޔިތަކަށް ލިބުނު ލުޔެއް ނުވަތަ ފަސޭހައެއް ނެތް ކަމަށާއި، ރައްޔިތުން ތިބީ ސަރުކާރާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާއު ވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝިފާއު ވިދާޅުވީ ރައްޔިތުން ވެރިކަން ބަދަލުކުރީ ސަރުކާރުން ދެއްކި ވާހަކަތަކަށް އިތުބާރުކޮށް، ބޮޑު އުއްމީދަކާއެކު ކަމަށެވެ. ނަމަވެސް، އޭގެ ބަދަލުގައި ރައްޔިތުންނަށް އެއްވެސް ކަމެއް ހާސިލްނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ”ރަނގަޅަށް ދަންނަވާ ކަމަށް ވަނީ ނަމަ މި ސަރުކާރު ވެރިކަމަށް އައިސްގެން އެއްވެސް ރައްޔިތަކަށް ލިބުނު ލުޔެއް ފަސޭހައެއް ހިތްހަމަ ޖެހުމެއްނެތް، މީގެ ބަދަލުގައި ލިބުނީ ވެނާ ކެކުޅުމާއި ތުރާ،“ ޝިފާއު ވިދާޅުވިއެވެ.

ރައްޔިތުންނަށް އެންމެ އަސާސީ ޚިދުމަތްތައް ހޯދުމުގައިވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަން ޝިފާއު ފާހަގަކުރެއްވިއެވެ. އެގޮތުން ބޭހާއި ޑޮލަރު ނުލިބުމުގެ އިތުރުން، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން، ކުޑަ ސީޓީ ސްކޭނެއް ހަދާލުމަށްވެސް މާލެ އަންނަން ޖެހުމަކީ ރައްޔިތުންނަށް އޮތް ބޮޑު ތަކުލީފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޑޮލަރުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޝިފާއު ވިދާޅުވީ، ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް، ޑޮލަރުގެ ރޭޓު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އަދި އެއް އަހަރު ތެރޭގައި ޑޮލަރުގެ ރޭޓު 15.43 އަށް ކުޑަކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ވައުދުވެސް ފުއްދިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ”ދެން ދިވެހި ދައުލަތުން ރައްޔިތުންނަކީ މޮޔައިން ކަމަށް ގަބޫލުކުރީމަ ކަމަކު ނުދާނެ،“ ޝިފާއު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ދޯހަޅިކަމަށް ވިދާޅުވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މަރުކަޒީ ބޭންކް (އެމްއެމްއޭ) އަކީ ސިޔާސީ ބޮޑު ހާއްޔަކަށް ބަދަލުކޮށްފައިވާ ކަމަށް ޝިފާއު ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ދެ މުއައްސަސާއަކީ ސީދާ ރައީސް ބައްލަވާ ތަންތަނަށް ބަދަލުކޮށް، ބީއެމްއެލް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.

ޝިފާއު ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު މާލީ ތަޖުރިބާކާރުންގެ ލަފާ އަޑުނޭހުމުގެ ނަތީޖާއަކީ އާންމު ރައްޔިތުންނަށް ގެއްލުންވުން ކަމަށެވެ. މި ހުރިހާ ސަބަބުތަކާ ހުރެ ރައްޔިތުން މިހާރު ތިބީ ސަރުކާރު މަތިން މުޅިން ”ފެޑްއަޕް“ ވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: