ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު ކޮންޓުރޯލްކޮށް، އެ ތަކެތި ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައިފިއެވެ.
މިކަން ބަޔާންކޮށް، އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ޢިއުލާނުގައި ބުނީ، މި ވަގުތު އިޤުތިޞާދީ ހާލަތު ހުރިގޮތަށް ރިޢާޔަތްކޮށް، ބައެއް ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ނިންމައި، 6 އޭޕްރީލް 2020 ވަނަ ދުވަހުން ފެށިގެން، އެ ތަކެތި ވިއްކޭނެ އެންމެ މަތީއަގު ކަނޑައަޅާފައިވާކަމަށެވެ.
އަގު ކޮންޓްރޯލްކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވާ ތަކެތީގެ ތެރޭގައި:
1. 1ކިލޯގްރާމް އާދައިގެ ރަތް ފިޔާ( 20.00 ރުފިޔާ )
2. 1 ކިލޯގްރާމް އާދައިގެ އަލުވި( 20.00 ރުފިޔާ )
3. 1 ކިލޯގްރާމް ރީނދޫ މުގު( 45.00 ރުފިޔާ )
4. ހުދު ކުކުޅު ބިހެއް ( 1.80 ރުފިޔާ )
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ހުރިހައި ބާވަތްތަށްވެސް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ވިއްކައިފިނަމަ، ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަވެގެން، 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތެއް އެންމެ ގިނަވެގެން 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ހަމަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް، ވިޔަފާރިކުރާތަން ބަންދުކުރުމަށް އަންގާނޭކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން މި އުސޫލުތައް ކަނޑައަޅާފައިވާއިރު، ފިޔާކިލޯއެއް މިހާރު 30 ރުފިޔާއަށް ވިއްކަމުންދާއިރު، ކުކުޅުބިހެއްގެ އަގުވެސް މިވަނީ 2 ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ.

