މުޅި ދުނިޔެއާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކަލުން އަރައިގަނެވެންދެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެވޭ ގޮތަށް ޚާއްސަ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ޚާއްސަ ޙާލަތްތަކުގައި އަމަލުކުރުމަށް އެކުލަވާ ”ސަންސެޓު ޤާނޫނު“ ގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި “ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޚާއްސަ ބިލު 2020″ ގައި 10 ކަމެއް ފާހަގަކޮށްފައިވެއެވެ. އަދި އެބިލު ފަރުމާ ކުރެވިފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އެ ޤާނޫނު އުވިގެންދާ ގޮތަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުން ލަސްކޮށްފައިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭންވެސް އެބަލި ފެނުމުންނެވެ. ރާއްޖޭން އެބަލި ފެނުމުން، މާޗު މަހުގެ 12 ވަނަ ދުވަހު ދިވެހިރާއްޖޭގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވިގެންދިޔައެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމުގެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. އަދި އެއަށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ އަނބުރާ ނެގީ އެއީ މަޖިލީހުން ގާނޫނީ ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށް ބުނެއެވެ.
އޭގެ އިތުރުން އިންތިޚާބެއް ލަސްކުރަން ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށާއި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް، އިންތިޚާބު ފަސްކުރުމަކީ ސުޕްރީމް ކޯޓަށް ނުކުރެވޭނެ ކަމެއް ކަމަކަށް އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެއީ ސުޕްރީމް ކޯޓާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.
ސަރުކާރުން ފޮނުވާފައިވާ ސަންސެޓު ބިލުގައި ފާހަގަކޮށްފައިވާ މުހިތްމު ކަންކަމުގެ ތެރޭގައި ބިލަށް އަމަލުކުރަން ކުރަން ފެށުމާ އެކު، އިލެކްޝަންސް ކޮމިޝަނުން މި މަހު 18 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނީއެވެ. އަދި ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހުގެ ކުރިން ބާއްވައި ނިންމަންވާނެ ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.
ބިލުގައި ވާގޮތުން އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ، އޭގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ނުވާނެ ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. އެކަންކަމަކީ އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދާ ކަންކަމެވެ.
ބިލަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލު ވާނެއެވެ. އަދި ސަސްޕެންޝަން ބާޠިލުވުމާ އެކު އެ މީހުން ކުރިން ތިބި މަޤާމަށް އަނބުރާ ރުޖޫޢަވާނެއެވެ. ނަމަވެސް އެ މީހުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑް ކުރެވެންދެން، އިންތިޚާބާ ގުޅޭ ގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައިވެއެވެ.
ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް އެ ބިލްގައި ވަނީ ބުނެފަ އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ ގޮތުގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލި އެވެ. މީގެއިތުރުން އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވެސް ވާދަކުރި އެވެ.
އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.

