ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޚިޔާލު ތަފާތުވިޔަސް ރާއްޖޭގައި މާސްކު އަޅާކަށް ލަފައެއް ނުދެން: ޑރ. މުރާދު

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ މީހުންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތައް ހުންނަ ކަމަށާއި އެގޮތުން ރާއްޖޭގައި މާސްކު އަޅަންޖެހޭ ހާލަތެއް އޮތް ކަމަށް ކަނޑައަޅާފައި ނުވާތީ އެކަން ކުރުމަށް ލަފާ ނުދޭ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ރައްކާތެރިވުމުގެ ގޮތުން މާސްކު އަޅައިގެން އުޅުމަށް ލަފާ ނުދޭ ކަމަށް ޑރ. މުރާދު ވިދާޅުވީ، ނޭވާލާ ވައިގެ ޒަރީއާއިން ވެސް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް އަލަށް ކުރެވުނު ދިރާސާއަކުން ހާމަވެފައިވާތީ އެކަމާއި ގުޅޭގޮތުން ”ސަންގު ނޫހުން“ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި ޑރ. މުރާދު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މާސްކު ބޭނުންކުރުމާ މެދު ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ވެސް ތަފާތު ޚިޔާލުތަކެއް އެބަހުރި ކަމަށެވެ.

މާސްކު އެޅުމާއިމެދު ދުނިޔޭގެ ބައެއް ސިއްހީ ޖަމިއްޔާތަކުން ވެސް ތަފާތު ލަފާތައް ދީފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ގިނަ ޖަމިއްޔާތަކުގެ ލަފާތައް ހުރީ އެގައުމެއްގެ ރައްޔިތުން ބަލި ނޫން ނަމަ، މާސްކު ކޮންމެހެން ބޭނުންކުރަން ނުޖެހޭ ގޮތަށް ކަމަށް މުރާދު ވިދާޅުވިއެވެ.

އެމެރިކާގެ ސިއްހަތާއި ބެހޭ އިދާރާ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިންވަނީ އަލަށް ކުރެވުނު ސިރާއަކުން ހޯދުނު ކަންތައްތަކެއްގެ އަލީގައި ބޭރަށް ދާއިރު ފޮތި މާސްކު ބޭނުންކުރަން ލަފާދީފައެވެ. އެއީ ކުރިން އެ އިދާރާއިން ދެމުންދިޔަ ލަފަޔާއި ތަފާތު ނިންމުމެކެވެ.

ނޭވާލާ ވައިގެ ޒަރީއާއިން ވެސް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް އަލަށް ކުރެވުނު ދިރާސާއަކުން ހާމަވެފައިވާތީ، ރައްކާތެރިވުމުގެ ގޮތުން ފޮތި މާސްކު އެޅުމަށް ދިވެހިރާއްޖޭގެ ޑޮކްޓަރެއް ކަމަށް މުހައްމަދު އަލީ އާއި ބައެއް އެހެން ޑޮކްޓަރުންވެސް އިރުޝާދު ދެއްވާފައިވެއެވެ. އެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި ބަލިން ރައްކާތެރި ވުމަށް ފޮތި މާސްކުން ނޭފަތާއި އަނގަ ބަންދު ކުރެވިދާނެއެވެ. އަދި އިތުރު ހެކިތައް އަންނަންދެން އެގޮތަށް އަމަލު ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްޔަކީ މުޅިން އާ ބައްޔެއް ކަމުން އާ މައުލޫމާތުތައް އަބަދުވެސް ލިބެމުން އަންނަ ކަމަށާއި އެމެރިކާއަށް ބަލި ފެތުރުމާއި ގުޅިގެން، މި ބައްޔާ ގުޅިގެން އެގައުމުން ކުރާ ދިރާސާތައް އިތުރުކޮށްފައިވުމުން ގިނަ މައުލޫމާތުތަކެއް ލިބެމުންދާނެ ކަމަށްވެސް ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ލަފައަށް އިޝާރާތް ކުރައްވާ ޑރ. މުރާދު ވިދާޅުވީ، އެ އިދާރާއިން އެގޮތަށް ލަފާ ދިނީ އެމެރިކާގައި ވަރަށް ބޮޑަށް މި ބަލި ފެތުރި، މުޅި މުޖުތަމައު ތެރޭގައި ބަލި ފެތުރިގެން ގޮސްފައިވާ ހާލަތެއްގައި ކަމަށެވެ. އޭގެ ކުރިން ސީޑީސީގެ ސްޓޭންޑު އޮތީ މާސްކު ބޭނުން ނުކުރާ ގޮތަށް ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި މާސްކު އެޅުމާ މެދު އޮންނަ ލަފާތައް ބަލާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުރާދު ވިދާޅުވީ ގިނަ ގައުމުތަކުގައި އަމަލުކުރަނީ އެ ގައުމެއްގެ މުޖުތަޢު ތެރެއަށް ބަލި ފެތުރިގެން ނުދާނަމަ އާންމުކޮށް އުޅޭ އުޅުމުގައި މާސްކު ބޭނުންކޮށްގެން އުޅެން ނުޖެހޭ ގޮތަށެވެ. އަދި ރާއްޖޭގައިވެސް އެކަން ކުރަންޖެހޭ ޙާލަތަކަށް އަތުވެއްޖެނަމަ އެގޮތަށް ލަފާ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”ރިކޮމެންޑޭޝަންތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް، މިބުނަނީ އަޅުގަނޑުމެން މިބުނާ ރެކޮމެންޑޭޝަންގައި ހިފަހައްޓައިގެން ތިބޭނެއެކޭ ނޫން، އަޅުގަނޑުމެންނަށް އޭގެން ފައިދާއެއް ކުރާނެ ކަމަށް ފެންނަ ނުވަތަ އެހެން ދުނިޔޭގެ ސިއްހީ އިދާރާތަކުން އެވަރުގެ ވަރުގަދަ ރެކޮމެންޑޭޝަނެއް އަންނަކަން ފެންނަ ކަމަށްވަންޏާ އަޅުގަނޑުމެންގެ ރެކޮމެންޑޭޝަންތައް ވެސް ބަދަލުވާނެ އެއާ އެއްގޮތަށް، މިވަގުތަށް އަޅުގަނޑުމެންނަށް ފެންނަން މިހުރީ ކޮންމެހެން އެހާ މުހިންމު ކަމެއް ނޫނޭ“ މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުރާދު ވިދާޅުވީ މާސްކު އެޅުމާއި ނޭޅުމަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެކަމާ މެދު ލަފައެއް ދެވޭ ވަރުގެ ވަރުގަދަ ހެކިތަކެއް އަދި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނޭވާލާއިރު ބޭރުވާ ވައިން މި ވައިރަސް ބޭރުވެ ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާއަކުން ހާމަވި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯ އިން ބުނެފައިވަނީ  ކޮވިޑަކީ19 އަކީ އެއާބޯން ނުވަތަ ވައިގެ ތެރޭން ފެތުރޭ ބައްޔެއްކަން އެނގިފައި ނުވާ ކަމަށެވެ. އެބަލި ފެތުރެނީ ކެއްސައި، ކިނބިހި އަޅާއިރު، ނުވަތަ ވާހަކަ ދައްކާއިރު ބޭރުވާ ކުޅުގައި ހުންނަ ޖަރާސީމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާން ބުނެފައިވެއެވެ.

އަލަށް ކުރެވުނު ދިރާސާއާއި ގުޅިގެން މާސްކު އެޅުމަށް ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ޑޮކްޓަރުން ލަދާ ދެއްވި ނަމަވެސް ގިނަ ޑޮކްޓަރުންވެސް ވިދާޅުވާ ގޮތުގައި ފޮތި މާސްކަކީ މުޅިން ރައްކާތެރިކޮށްދޭނެ އެއްޗެއް ކަމަށް ގަބޫލުކޮށްގެން ނުވާނެއެވެ. ނަމަވެސް އެއްޗެއް ނެތުމަށް ވުރެ ފޮތި މާސްކުން ލިބޭ ރައްކާތެރިކަން ބޮޑު ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: