ކޮރޯނާ ވައިރާހާއި ގުޅިގެން ދިމާވަމުންދާ ދަތިތަކުގެ ސަބަބުން މެލޭޝިއާ އާއި އިންޑިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށްޓަކައި މޯލްޑިވިއަނުން ޚާއްސަ ދަތުރުތަކެއް ކުރާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ މެލޭޝިއާގެ ކުއަލަލަމްޕޫރާއި އިންޑިއާގެ ޓްރިވެންޑްރަމްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައްގެނައުމަށް ވަރަށް އަވަހަށް ފްލައިޓްތައް ބާއްވާނެކަމަށެވެ.
ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށާއި މިއާއެކު މި ތަންތަނުގައި ތިބި ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
https://twitter.com/abdulla_shahid/status/1246457610011676672
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ކޮމިއުނިކޭޝަން އެންޑް ޕީއާރު މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ އެ އެއަރލައިންގެ ފްލައިޓްތަކުގައި ޖާގަ އޮތް މިންވަރަކުން ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ.
ސްރީލަންކާ އާއި އިންޑިއާގެ އިތުރު ސިޓީތަކުންވެސް މީހުން ގެންނަން ޖެހިއްޖެނަމަ ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން އެ މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާނެކަމަށް މޫސަ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްރީ ލަންކާގެ ކޮލޮމްބޯއަށް ދަތުރުކުރުމަށް މޯލްޑިވިއަނުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 50 ގޮނޑީގެ މަތިންދާ ބޯޓެކެވެ. އަދި އިންޑިއާގެ ޗެންނާއީއަށް ދަތުރުކުރުމަށް ބޭނުންކުރާނީ 200 ގޮނޑީގެ މަތިންދާ ބޯޓެއް ކަމަށްވެސް އެ އެއަރލައިނުން ހާމަކުރެއެވެ.
ކޮލަމްބޯ އާއި ކޮޗިންގައި ރާއްޖެ އަށް ނާދެވިފައި ގިނަ ބަޔަކަށް ތިބެންޖެހުނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކެއްގެ ގޮތުގައި އިންޑިއާ އާއި ލަންކާ އަށް ވައިގެ ދަތުރުތައް ކުރުން ހުއްޓައިލުމުންނެވެ.
ކޮވިޑް-19 ފެތުރޭތީ ލަންކާ އާއި އިންޑިއާއިން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމުން ގިނަ އަދަދެއްގެ ދިވެހިން އެ ދެ ގައުމުގައި ތާށިވުމުން ސަރުކާރުން އައީ މިހައިތަނަށް ވެސް އެ މީހުންނަށް އެހީތެރިވަމުންނެވެ.
ސްރީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން މޯލްޑިވިއަންގެ ފްލައިޓުގައި އަންނަން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލި ފުރުޞަތުގައި، 4 ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއްވަނޫ ފުލްވެފައެވެ.
މޯލްޑިވިއަނުން ސްރީލަންކާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. އެގޮތުން މިއަދު 2 ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 50 ގޮނޑީގެ މަތިންދާ ބޯޓެވެ.

