ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ސްޓޭޓް ޝިޕިންގްގެ ފުރަތަމަ ބޯޓު މުދަލާއެކު ރާއްޖެއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ޝިޕިންގް ކުންފުނީގެ ގޮތުގައި އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) ކުންފުނީގެ ފުރަތަމަ ބޯޓު އެމް.ވީ އައިބީރިއަން، މުދަލާއެކު ރާއްޖެއައިސް އެ ކުންފުނީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

އެމް.ވީ އައިބީރިއަން އަކީ 20 ފޫޓްގެ 700 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ. އާދިއްތަ ދުވަހު އެ ބޯޓު ރާއްޖެ އައިސްފައިވަނީ ސްރިލަންކާއިންނެވެ. އަދި މިވަގުތު އެމްއެސްއެސް އިން ދަތުރުތައް އޮންނާނީ ކޮލަމްބޯ އާއި މާލެ އާއި ދެމެދު އެވެ. އެހެން ނަމަވެސް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް އެބޯޓުގައި މުދާ ގެނެވޭނެއެވެ.

ދިވެހި ސަރުކާރުން އާ ޝިޕިން ލައިނެއް އުފައްދާ، ރަސްމީކޮށް ޚިދުމަތް މިފެށީ ޝިޕިން ލައިނެއް އުފެއްދުމުގެ މަޝްވަރާތައް އެތައް އަހަރެއް ވަންދެން ކުރުމަށް ފަހުއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދާ ރަޖިސްޓްރީ ކޮށްފައިވަނީ މާޗް މަހުއެވެ. އެ ކުންފުންޏަކީ އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

އެމްއެސްއެސްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ބުރާސްފަތި ދުވަހު އެމްޕީއެލް ވިޔަފާރި ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެމްއެސްއެސްގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ރާއްޖޭގެ އަމިއްލަ ޝިޕިންގް ކުންފުންޏެއްގެ މަސައްކަތް ފެށުމާއެކު މުދާ އެތެރެ ކުރުމަށް ބޭރުގެ ބަޔަކަށް ބަރޯސާވުން ކުޑަކުރެވިގެންދާނެ ކަމަށެވެ.

ބޯޓުގެ ފުރަތަމަ ދަތުރުގައި ރާއްޖެއަށް ގެނައީ މިވަގުތަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު ކަމަށާއި ރާއްޖޭގެ އަމިއްލަ ޝިޕިން ކުންފުންޏަކަށް ގައުމު ބޭނުން ވެފައިވާ މިންވަރު މިކަމުންވެސް އެނގިގެންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގައި ޝިޕިންގެ ހިދުމަތް މެދުކެނޑުމަކަށް ފަހު އަލުން ފެށި އިރު، މި ކުންފުންޏަކީ ދިވެހިންނަށް އާ އުއްމީދު ތަކެއް ގެނެސްދޭނެ ކުންފުންޏަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދިވެހި ފަޅުވެރިންނާއި ދިވެހި އޮފިސަރުންނަށް ވަޒީފާގެ ފުރުސަތު ލިބި އާ ސިނާއަތެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ކުރީގެ އޮފިސަރުން އަލުން އެމީހުންގެ މަގާމަށް އައުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ.

ޝިޕިން ލައިނެއް އުފެއްދުމަކީ ތަރައްގީގެ ރޮނގުން އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި މީގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ މުދާ އަގުހެޔޮކޮށް ފޯރު ކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

”މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ބޭނުންވާނެ އެންމެހާ ތަކެތި އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް، ހުރަހެއް ނެތި އެސްޓީއޯ މެދުވެރިވެގެން އުފެއްދުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. މިކަމުގެ ފައިދާ ސަރުކާރަށް ވެސް އަދި އަމިއްލަ ވިޔަފާރިވެރިންނަށް ވެސް ކުރާނެ“ ސައީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން ނެތިގެން ދިޔައީ ޒަމާނީ ޓެކްނޮލޮޖީއާ ފައި ހަމަނުކުރެވުމުން ކަމަށެވެ.

އަމްރު ވިދާޅުވީ މިއަދަކީ ރާއްޖެއަށް ތާރީހީ ދުވަހެއް ކަމަށާ، ގައުމީ ޝިޕިން ކުންފުނީގެ ސަބަބުން މުދަލުގެ އަގު ހެޔޮވެ، ވަޒީފާގެ ފުރުސަތު ތަކެއް ވެސް ތަނަވަސް ވެގެންދާނެ އެވެ.

”ރާއްޖޭގެ ޝިޕިން ލައިނެއް މީގެ ކުރިން ވެސް އޮތް. ރާއްޖޭގެ ޝިޕިން ލައިން ނެތި ދިއުމުގައި އެކި ބޭފުޅުން އެކި ގޮތަށް ވާހަކަ ދެއްކި. ސަބަބަކީ ކޮބައި ތޯ؟ ގިނަ ބޭފުޅުން ވިދާޅުވޭ ރާއްޖޭގެ ޝިޕިން ލައިން އައިއިރު ދުނިޔެއަށް އައި ޝިޕިންގެ އިންގިލާބު ތަކަށް ރާއްޖެ އިން ފައިހަމަ ނުކޮއްލެވުމޭ ޝިޕިން ލައިން ނެތި ދިއުމުގެ އެއް ސަބަބަކީ. އެހެންކަމުން މި ކަމުން އިބުރަތް ހާސިލްކޮށް ސްޓްރެޓެޖިކް ވިސްނުމެއް ތަކެއް ގެންގުޅެން ޖެހޭ،“ އަމްރު ވިދާޅުވި އެވެ.

އެމްއެސްއެސް އިން ފުރަތަމަ ރާއްޖެއަށް ފަށާފައި ވަނީ ”ޗާޓަރު ލައިން“ ގެ ހިދުމަތެވެ. ފުރަތަމަ ބޯޓުން ރާއްޖެ ގެނެސްފައި ވަނީ ފިޔާ، އަލުވި އަދި ބިހާއި ބޭހުގެ ސާމާނު ގެނެސްފައިވެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޝިޕިންގ ލައިން، މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް (އެމްއެންސީއެލް) އުފައްދާފައިވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ވެރިކަމުގައެވެ. 1990 ވަނަ އަހަރު އެ ކުންފުނީގެ ދަރަނި ބޮޑުވެ ކުންފުނި އެއްކޮށް ބަނގުރޫޓްވެ ހުއްޓާލަން ޖެހުނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: