ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރަމުންދާ ނުރައްކަލާއެކު އާންމުދަނީ ހޯދުމުގެ ގޮތުން ދަނޑުވެރިކަމުގެ ދާއިރާއަށް ބާރުއެޅުމަށް ރަށްރަށުން ބިން ދޫކުރާ އުސޫލުތަކަށް ބަދަލު ގެނައުމަށް އިދިކޮޅުން މަޖީލީހަށް ހުށަހަޅައިފިއެވެ.
މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. އޮންލައިންކޮށް ކުރިއަށް ދިޔަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ބައެއް ރަށްތަކާއި ބިންތަކަކީ، އެއްވެސް ވަރަކަށް ބޭނުން ހިފާ ރަށްތަކެއް ނޫން ކަމަށެވެ. އެހެން ކަމުން، އެފަދަ އެއްވެސް ދަނޑުވެރިކަމުގެ ހަރަކާތެއް ނުހިންގާ ތަންތަން ހުރިއިރު، އެ ރަށްތައް އަތުލެވޭނެ ނިޒާމެއް ގާއިމު ކުރުން މުހުންމުކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.
ޝިޔާމްގެ ވާހަކަތަކަށް ސަރުކާރުގެ މެމްބަރުން ވެސް ތާއީދު ކުރިއެވެ.
ޝިޔާމް ވިދާޅުވީ، ދަނޑުވެރިކަމަށް ދީފައިވާ ރަށްތައް އެއްފަރާތައް ވުރެ ގިނަ ފަރާތްތަކަށް އެ ރަށްރަށުގައި ހަރަކާތްތެރި ވެވޭވެނެ ގޮތަށް ކޮމިޓީން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މަގްސަދު ހާސިލް ކުރެވިއްޖެނަމަ، އެތައް ބައެއްގެ އާމްދަނީއަށް އަލި މަގެއް ފެނިގެންދާނެ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތަކުގެ ވިޔަފާރި ދަށްވެފައިވާ މި ހާލަތުގައި މަސައްކަތެއް ނެތް ރިސޯޓުތަކުގައި ދަނޑުވެރިކަން ކޮށްގެން އާމްދަނީއެއް ހޯދިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވަނީ ވިދާޅުވެފައެވެ. އަބަދު ޓޫރިޒަމަށް ބަރޯސާވެގެން ތިބެވެން ނެތް ކަން މިއަދު ދިމާވެފައިވާ ހާލަތުގެ ސަބަބުން ހާމަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވެފައިވަނީ ސަރުކާރުން ރާވާފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމްތަކުގެ އަމަލީ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. ޕްރޮގްރާމް ހިންގުމަށް ރާއްޖޭގެ ބޮޑެތި ފަޅު ރަށްތައް ކަނޑައަޅައި، އެ ފުރުސަތު ބޭނުންވާ ރިސޯޓުތަކަށް ވެސް ދޭންޖެހޭކަން އިލްޔާސް ވަނީ މަޖިލީހުގެ ބައްދަލުވުމެއްގައި ބަހުސް ކުރައްވަމުން ފާހަގަކުރައްވާފައެވެ.
އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި އެޖެންޑާކުރީ، ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުން ހިންގުމަށް ހުށައަޅާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވާ މައްސަލައިގައި ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުުރުމަށް ސަރުކާރުން ވަނީ ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ގަންނާނެކަން ހާމަކޮށްފައެވެ. ސަރުކާރުގެ ވިސްނުމަކީ މަސްވެރިންނެކޭ އެއް ގޮތަށް، ދަނޑުވެރި ކަމަށްވެސް ކުންފުންޏެއް ހަދައި އެ އުފެއްދުންތައް ވެސް ގަތުން ކަމުގައި ވަނީ ބުނެފައެވެ.

