ކޮރޯނާ ވައިރަސްއާއި ގުޅިގެން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ރިސޯޓުތަކާއި ސަފާރީތަކުން ފޭބުން މަނާކޮށްފައި އޮތުމަށްފަހު، ހަތަރު ރިސޯޓަކާއި 15 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ މިއަދު ދީފި އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާ ކުރެވިފައެވެ. އަދި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ އޮންއެރައިވަލް ވިސާ މަޑުޖައްސާލާ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށި ވަނީ ބަންދުކޮށްފައެވެ.
ރާއްޖޭގެ ބައެއް ރިސޯޓުތައް މިހާރު ވެސް ބަންދުކޮށްފައިވާއިރު، އެ މުވައްޒަފުން ދަނީ 14 ދުވަހުގެ އައިސޮލޭޝަން މުއްދަތު ގުނަމުންނެވެ. އަދި ބައެއް ރިސޯޓުތަކުގައި ތިބި އެންމެ ފަހު ފަތުރުވެރިން ވަނީ ފުރަން ފަށާފައެވެ. އެހެން ކަމުން އެ މުއްޒަފުންނަށް ވެސް 14 ދުވަހަށް ފަހު އަމިއްލަ ރަށަށް ދެވޭނެއެވެ.
އެއް ކުންފުންޏެއްގެ ދަށުން ހިންގާ ގިނަ ރިސޯޓުތަކެއް ހުރިއިރު، ސަރުކާރުން ވަނީ އެއް ކުންފުންޏެއްގެ ދަށުން ހިންގާތަނެއްނަމަ ފަތުރުވެރިން އަނެއް ރިސޯޓަށް ބަދަލު ކުރުމުގެ ފުރުސަތު ދީފައެވެ. އޭރުން ބާކީ ރިސޯޓުތަކަށް 14 ދުވަހުގެ މުއްދަތު ހަމަ ކުރެވޭނެއެވެ.
މުވައްޒަފުން ފޭބުމުގެ ހުއްދަ މިއަދު ދީފައިވަނީ މަލަހިނި ކުޑަ ބަނޑޮސް ރިސޯޓާއި ބްރެނިއާ ކޮއްޓެފަރު ރިސޯޓުގެ އިތުރުން ރަހާ ރިސޯޓާއި ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް ރިސޯޓަށެވެ. މިއީ، ރިސޯޓްތަކުގެ މީހުން ފޭބުން މިދިޔަ މަހު މަނާ ކުރި ފަހުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާންކުރުމަށް ކުރިޔަށް ގެންދާ ޕްރެސްތަކުގެ ތެރެއިން، މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކުގައި 800 އަށް ވުރެ ގިނަ މީހުން އެބަތިވި ކަމަށެވެ. އަދި މިދިޔަ ދެ ދުވަހު ޓެސްޓުތަކެއް ހެދި 73 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފެސިލީޓިތަކުގައި ތިބި މީހުންގެ ތެރެއިން 187 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް މިއަދު ނަގާފައިވާ ކަމަށާއި އެ މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބުމާ އެކު ކަރަންޓީނުން ދޫކޮށްލާނެ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ރާއްޖެއަށް އައި ފަހުން، ބަލީގެ އަލާމާތެއް ނުފެނި، 14 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ފަތުރުވެރިން ތިބި ވަކިވަކި ރިސޯޓުތަކުން އެކަން އެޗްޕީއޭއަށް އެންގުމުން އެއީ ވަކިވަކި ކޭސްތަކުގެ ގޮތުގައި ބަލައިގެން، އެ ރިސޯޓުތަކަށް ހާއްސަ ހުއްދަ ދެވޭނެ ކަމަށެވެ.
ވައިރަސް ޖެހުނު މީހުންގެ ތެރެއިން 15 ބިދޭސީން މިހާރު ރަނގަޅުވެފައިވާއިރު، މިހާރު ރާއްޖޭގައި ފަރުވާދެމުން ދަނީ ހަތަރު ދިވެހިންނަށް އެކަންޏެވެ. އެ ހަތަރު ދިވެހިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

