ކޮންމެ ކަމަކީ ގާނޫނުގައި ލިޔެގެން މަޖުބޫރު ކުރާ ކަމެއްގެ ގޮތުގައި ހަދާކަށް ބޭނުމެއް ނުވާކަމަށާއި، ބޭނުމަކީ ހޭލުންތެރިކަން އިތުރުކޮށްގެން ފިޔަވަޅުތައް ވަރުގަދަކުރުން ކަމަށް ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކާފިއުގެ ވަގުތުގައި ވެސް އަދިވެސް ގިނަ ބަޔަކު މަގުތަކަށް ނިކުމެ އުޅޭތީ އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ވައިރަހުން ރައްކާތެރިވުމަށް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް މީހުން ގެއިން ނުކުތުން ވަނީ މަނާކޮށްފައެވެ. މި އެންގުމާއި ހިލާފްވާ ފަރާތްތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރުވެސް ފުލުހުންނަށްވަނީ ލިބިދީފައެވެ. އެގޮތުން ކޮންމެ މީހަކު 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އިއްޔެއާއި ބަލާ މިއަދު ހުއްޓުވަން ޖެހުނު މީހުންގެ އަދަދު ކުޑަ މިންވަރަކުން މަދުވި ކަމަށެވެ. އެހެން ނަމަވެސް، ކާފިއު ގަޑި ފެށުމާއި އެކު ގޭގައި މަޑު ކުރުމަށްފަހު އަށެއް ޖެހުމާއި އެކު އަނެއްކާވެސް މަގުމައްޗަށް ނިކުތުން ފެންނަކަމުގައި މަބްރޫކް ވިދާޅުވިއެވެ. އަދި އެ ގަޑީގައި މަގުތައް ވެސް އެކީ އޮންނަނީ ފުރިފައިކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އެންމެ ފުރަތަމަވެސް، ނެރުނީ އިލްތިމާސްތަކެއް ކަމަށެވެ. ބޭކާރު ގޮތުގައި ގެއިން ބޭރަށް ނުނިކުތުމާއި ގިނަ ވަގުތު ބޭރުތެރޭގައި ނޫޅުން ކަމަށެވެ. އެގޮތުން އިތުރަށް ފިޔަވަޅުތަކެއް އެޅެމުންގޮސް ދެން ދިޔައީ ތިން ގަޑިއިރުގެ ކާފިއުއަކަށް ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ނަސޭހަތް ވެސް ދެވޭ ކަމަށާއި އަދި ޖޫރިމަނާވެސް ކުރެވެން ފަށައިފި ކަމަށެވެ. އެހެން ނަމަވެސް، ޒިންމާދާރު ކުރުވޭނީ އަދަބުދީގެން ކަމަށް ގަބޫލު ކުރަން ބޭނުން ނުވާކަމަށް މަބްރޫކްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ގައުމެއްގެ ގޮތުގައި ކޮންމެ ފަރުދަކުވެސް ގަވައިދުތަކަށް ބޯލަނބަން ޖެހޭ ކަމަށެވެ.
”އަޅުގަނޑު ބުނާކަށް ބޭނުމެއް ނުވޭ… ގަބޫލު ކުރާކަށް ބޭނުމެއް ނުވޭ ރާއްޖޭގައި ބަޔަކު ޒިންމާދާރުކޮށް އުޅޭނީ ބަޔަކަށް އަދަބު ދީގެންނޭ…. ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އެބަ ނިންމަންޖެހޭ ކިހިނެއްތޯ އަޅުގަނޑުމެން މުޖްތަމައުއެއްގެ ގޮތުގައި ބިނާވާނީ ވަކި ގޮތްތަކަކަށް ގާނޫނު ހަދާފަ، ކާނާއަތުފައި ކުރިއަށް އަޅާފަ ގާނޫނުގެ ދަށުން ދެން އެޅޭނީ ވައަތު ފައޭ ޖެހީމަތޯ ދެން ފިޔަވަޅު އަޅާނީ. އެވަރަށް ގާނޫނުގައި ލިޔެގެންތޯ އެކަން ކުރާނީ. ނޫނީ މުޖްތަމައުއެއްގެ ގޮތުގައި ކުރިޔަށް ދާނީ އެކަކު އަނެކަކަށް އަޅާލާ ތިމާގެ އަމިއްލަ ރައްކާތެރިކަމަށް ބަލާ މުޖްތަމައުއެއްގެ ގޮތުގައި ތޯ“ މަބްރޫކް
މަބްރޫކް ވިދާޅުވީ، ގެންގުޅެންވީ މުޖްތަމައުއެއްގެ ގޮތުގައި ކުރިޔަށްދާނެ ގޮތުގެ ވިސްނުމެއް ކަމަށެވެ. ކޮންމެ ކަމަކީ އެއީ މަޖުބޫރު ކުރުމަކަށް ހަދާކަށް ވެސް ބޭނުމެއް ނުވާ ކަމަށެވެ. އަދި އެއީ ގާނޫގައި ލިޔެގެން ރައްޔިތުން ލައްވާ ގަދަކަމުން ކުރުވާ ކަމަކަށް ވެސް ހަދަން ބޭނުން ނުވާކަމަށެވެ. އެހެން ކަމުން، މުޖްތަމައުއެއްގެ ގޮތުގައި ކުރިޔަށް ދާނެ ގޮތާއި ބެހޭ ގޮތުން ކޮންމެ ފާރާތަކުންވެސް ވިސްނުމަށް މަބްރޫކް އެދިވަޑައިގެންނެވިއެވެ.
މަބްރޫކް ވިދާޅުވީ، ތިން ގަޑިއިރުގެ ކާފިއުއެއްގައި މަގުމައްޗަށް ނިކުމެއްޖެނަމަ އެޅޭނެ ފިޔަވަޅެއް ކަނޑައެޅިއްޖެ ކަމަށެވެ. އެހެން ނަމަވެސް، މިއީ އަބަދު އެންމެން ޖަލަށް ލައިގެން ތިބޭ ތަނެއްގެ ގޮތުގައި ނެހެދޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް، އަޅާ ފިޔަވަޅުތަކުން ނިކުންނަ ނަތީޖާތައް ބަލަމުންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ބޭނުމަކީ ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިޔަނުދީ ހިފެހެއްޓުންކަމުގައި ވާއިރު އެކަމަށް ރައްޔިތުންވެސް ވިސްނަން ވާނެ ކަމަށެވެ.
ސޯޝަލް ޑިސްޓެންސިން ބެހެއްޓުމުގެ މުހިންމުކަން ގިނަ އާއްމުންނަށް މިއަދު އިނގޭކަމަށާއި އެހެން ކަމުން އަދިވެސް ހޭލުންތެރިކަން އިތުރު ކުރެވިއްޖަނަމަ ބޭރަށް ނިކުމެ އުޅޭ މީހުންވެސް މަދު ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮންމެ ދުވަހަކު ވެސް ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ކުރި އިއުލާނުގައި އެނޫން ވަގުތު ތަކުގައި ވެސް ތިން މީހުންނަށް ވުރެ ގިނައިން، އެކުގައި އާއްމު ތަންތަނަށް ނުކުމެ އުޅުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.
އެހެން ނަމަވެސް، މަގުމަތީން ފެންނަ މީހުން މަދެއް ނުވެއެވެ. މަބްރޫކް ވިދާޅުވީ މަގުމައްޗަށް ނިކުންނައިރު ހަތަރު ވަނަ މީހަކާއި އެކީ އުޅުމަކީ ތިމާ ޖަލަށް ދާން ޖެހިދާނެކަމަށް ހީވާ ވިސްނުމެއް ގެންގުޅެގެން ނުވާނެ ކަމަށެވެ. އެންމެންވެސް މަސައްކަތް ކުރަންވީ، އެންގުންތަކަށް ބޯލެނބުމަށް ކަމަށާއި، އެއްވެސް މީހަކީ އެއީ ޖަލަށް ލެވޭނެ މީހެއްގެ ގޮތުގައި ބިރެއް ދެއްކުމަށް ބޭނުމެއް ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

