ދިވެހިރާއްޖޭގައި ގަވާއިދާހިލާފަށް އުޅެމުންދާ ބަންގްލަދޭޝް މީޙުން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.
ދިވެހި ހާރިޖީއްޔާގެ ފަރާތުން ބުނެފައި ވަނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެޤައުމަށް ގެންދިޔުމާ ބެހޭ ގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒިރާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަޝްވަރާކުރައްވި ކަމަށެވެ.
އެގޮތުން ދެބޭފުޅުން ވަނީ ފޯނުން ގުޅުއްވައި، ކޮވިޑް-19 އާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށް ދިވެހި ހާރިޖީއްޔާއިން ވަނީ ބުނެފައެވެ.
މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 ފެތުރުމުގެ ކުރިންވެސް ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށިކަން ފާހަގަކުރައްވާފައެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ޙާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެޤައުމަށް ގެންދިޔުމުގައި އެހީތެރިކަމަށް މިނިސްޓަރ އެދިވަޑައިގަތެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ އެކަމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

