ދިރިއުޅުމުގެ ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ ކީރިތި ޤުރުއާން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
އެގޮތުން އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނައާ މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، އެއްވެސް ގެއްލުމެއް ނުވާނޭ މީހެއް ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، ކީރިތި ޤުރުއާން ތިލާވަތުކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެއް ކަމަށާއި އެ ފޮތަކީ ބަލިތަކަށް އޮތް ޝިފާއެއް ކަމަށް ހުތުބާގައި ވަނީ އަޅުގަނޑުމެންނަށް ހަނދާންކޮށްދީފައެވެ.
އެ މާތް ފޮތް ކިޔަވައި، އެއަށް ޢަމަލުކުރާ މީހާއަށް ޤިޔާމަތް ދުވަހު އެ ފޮތް ޝަފާޢަތްތެރިވާނެކަމަށާއި އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ސަވާބު މާތް ﷲ ދެއްވާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.
”މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގައި ހިމެނޭ އާޔަތްތަކުގެ މާނަތަކާ މެދު ތަދައްބުރުކޮށް ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގެން، އެބައިމީހުންނަށް ޓަކައި ހެއު ދުޢާކުރައްވައި، ޝައިޠާނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެއެވެ. އަދި މާތް ﷲގެ ތަނަވަސްވެގެންވާ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެ ކަލާނގެ އެބައިމީހުންނަށް މިންވަރުކުރައްވާނެއެވެ.“
ހަމަ އެހެންމެ އަޅުގަނޑުމެންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލަކީ މާތް ﷲގެ މަތީން ހަނދުމަކޮށް، ޒިކުރުކުރުމުގެ މަތިވެރި މަޤުޞަދުގައި ކީރިތި ޤުރުއާން ކިޔެވުން ކަމުގައި ހުތުބާގައިވަނީ ބުނެފައެވެ.
”މިކަމާ ގުޅޭ ގޮތުން އަލް އިމާމް އިބްނު ޤައްޔިމް ބަޔާންކުރައްވައިފައި ވެއެވެ. އިންސާނާގެ ހަށިގަނޑަށް ލިބޭ ބާރަކީ އޭނާގެ ހިތުގެ ވަރުގަދަކަމާ ގުޅިފައިވާ ކަމެކެވެ. އެގޮތުން ހިތުގެ ބާރުގަދަވީ ވަރަކަށް، އޭނާގެ ހަށިގަނޑުގެ ބާރާއި ދިރުން ވެސް އިތުރުވެއެވެ.“
ކީރިތި ޤުރުއާން ތިލާވަތުކުރުމުގައި ދެމިހުރުމަކީ، މާތް ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް އޮތް އެންމެ މަތިވެރި އަދި އެންމެ ހެޔޮވެގެންވާ އެއް މަގުކަމަށާއި އެއީ މުސްލިމެއްގެ ހިތްވަރާއި ހީވާގިކަން އާލާކޮށްދީ، އިންސާނާގެ ތަޞައްވުރަށް ވުރެ ބޮޑެތި ކަންކަން ޙާޞިލުކުރުމުގެ ބާރާއި ޤާބިލުކަން ލިއްބައިދޭ އަޅުކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން ޛިކުރުކުރުމުން އިންސާނާއަށް ލިބިދޭ ބާރުވެރިކަމުގެ ސަބަބުން، ކުރީން ކުރަން އުނދަގޫވާނެކަމަށް ހީވި ކަންކަން ވެސް ފަސޭހަކަމާއެކު ފުރިހަމަކުރުމުގެ ތައުފީޤު ލިބޭނެކަމަށާއި އެއްވެސް ޝައްކެއް ނެތް ގޮތުގައި، ކީރިތި ޤުރުއާނަކީ ޛިކުރުތަކުގެ އަޞްލު ކަމުގައިވާ އެންމެ މަތިވެރި އަދި އެންމެ މާތް ޛިކުރުކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.
”މުސްލިމް އަޚުންނޭވެ !ކީރިތި ޤުރްއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތެކެވެ. އިޚުލާޞްތެރިކަމާއެކު އެ ފޮތް ތިލާވަތުކުރާ ކޮންމެ މީހަކަށްމެ، އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެއެވެ. އެއީ ކިޔެވުމުގައި ފަރިތަ، ކުޅަދާނަ މީހެއް ކަމުގައި ވިޔަސް، ނުވަތަ އުނދަގުލާއި ދަތިކަމާއެކު ކިޔަވާން މަސައްކަތްކުރާ މީހެއް ކަމުގައި ވިޔަސް މެއެވެ.“
ކީރިތި ޤުރްއާނަކީ ހުރިހާ ހެޔޮކަމެއްގެ އަސްލުކަމުގައިވާ އެންމެ މަތިވެރި ފޮތްކަން ފާހަގަކޮށް، އެ ފޮތް ކިޔަވައި، އޭގެ މާނައާމެދު ވިސްނައި، އެއަށް އަމަލުކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނޭ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
”އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ފޮތާ މެދު ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ފަހެ، ހުރިހާ ހެޔޮކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމާއި، އެ ފޮތް މަތިވެރިކުރުމުގައެވެ. އަދި ހުރިހާ ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައެވެ.“
މީގެ އިތުރުން ޤުރުއާން އުނގެނި އުނގަންނައިދޭ މީހުންގެ ވަށައިގެން މަލާއިކަތުން ޙާޟިރުވެ، އެބައިމީހުންނަށް ރަޙުމަތާއި ހިތްހަމަޖެހުން މިންވަރުކުރައްވާކަމަށާއި އިންސާނާގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ އަސްލު ކަމުގައިވާއިރު، ޤުރުއާން ކިޔެވުމުގައި ދެމިހުރުމަކީ މާތް ﷲ އާ ކުއްތަންވުމަށް އޮތް އެންމެ މަތިވެރި މަގުކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.
ޤުރުއާން ކިޔަވަން ފަރިތަ މީހުންނަށް މަލާއިކަތުންނާއެކު މަތިވެރި ދަރަޖަ ލިބޭއިރު، އުނދަގުލާއެކު ކިޔަވާ މީހުންނަށް ދެގުނަ ދަރުމަ ލިބޭކަމަށާއި އެހެންކަމުން، ހުރިހާ ހެޔޮކަމެއް ވަނީ މި މުޤައްދަސް ފޮތުގައި ހިފެހެއްޓުމުގައި ކަމުގައި ހުތުބާގައި ވަނީ އަޅުގަނޑުމެންނަށް ހަނދާންކޮށްދީފައެވެ.

