ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ލޮކްޑައުންކޮށްފައިވާ ދިވެހި ގިނަ ދަރިވަރުންތަކެއް ތިިބި މެލޭޝިއާއަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި، ނުވަތަ ކާންބޭނުންވާ އެއްޗެއް ފޮނުވަން ބޭނުންވާނަަމަ އާއިލާތަކުން ފޮރިން މިނިސްޓްރީން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އަންގައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަންގާރަ ދުވަހު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް މެލޭޝިއާގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ދަތުރުކުރާއިރު، އެ ފްލައިޓުން މެލޭޝިޔާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ރާއްޖޭގައި ތިބި އެ މީހުންގެ އާއިލާތަކަށް ދޭން ނިންމާފައިވާތީ އެކަމަށް އެދޭ މީހުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެގޮތުން މޭލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވޭނީ ކޮންމެ އާއިލާއަކަށް 15 ކިލޯކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ދި ކާގޯގެ ގޮތުގައި ފޮނުވޭނީ މެލޭޝިޔާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެން ޒަރޫރީ ބޭނުންތަކަށް ފޮނުވާ ތަކެތި ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އެންމެ ފުރަތަމަ އެކަމަށް އެދޭ 500 ފަރާތަކަށް އެ ފުރުސަތު ދޭނެ ކަަމަށް ވަނީ ބުނެފައެވެ.
https://twitter.com/MoFAmv/status/1247236328825057280
ފޮނުވޭނެ ތަކެތީގެ ލިސްޓެއް ހާމަކޮށް ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ އާއިލާތަކުން ޑޮކްޓަރުގެ ބޭސް ސިޓީއެއް އޮތް، ޑަކްޓަރީ ބޭސް ފޮނުވޭނެ ކަމަށެވެ. އަދި ކެއުމުގެ ބާވަތެއްގެ ގޮތުގައި މަސް ދަޅު ކޭހާއި، ނޫޑްލްސް ކޭސް، މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ރިހާކުރު ފުޅި، އަދި ޕެކްކޮށްފައި ހުންނަ މަސްފަތާއި، ތެލުލިފަތް ފޮނުވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ފިހާރަތަކުގައި ޕެކްކޮށްފައި ހުންނަ އެ ނޫންވެސް ކާބޯތަކެތި ފޮނުވޭނެ ކަމަށެވެ.
މެލޭޝިއާއަށް ނުފޮނުވޭނެ ތަކެތީގެ ތެރޭގައި ފައިސާ އާއި، ރޯމަސް އަދި މޭވާ އާއި ތަރުކާރީ ހިމެނެއެވެ.
އެ މިނިސްޓްރީން ފުރުސަތުދޭ އާއިލާތަކުން ތަކެތި ގެންނާނީ މާދަމާ ހެނދުނު 08:00 ފެށިިގެން ހަވީރު 16:00 ހަމައަށް ވީއައިއޭގެ ޑިޕާޓާ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރުތަކަށް ކަމަށްވެސް ވަނީ ބުނެފައެވެ. މާދަމާ މެލޭޝިޔާއަށް މޯލްޑިވިއަންއިން ކުރާ ދަތުރުގައި ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އޮންލައިންކޮށް މިހާރު ޓިކެޓް ގަނެވޭނެއެވެ. ޓިކެޓެއް ވިއްކަނީ 330 ޑޮލަރަށެވެ.

