ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކުރެވޭ މީހާ، ނުވަތަ އައިސޮލޭޓު ކުރެވޭ މީހަކު އަނބުރާ މުޖްތަމައުގެ ތެރެއަށް އައުމުން އޭނާއާއި މެދު ތަފާތުކުރުން ގެންގުޅޭކަމަށް ފާހަގަކުރެވިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަ ްއޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ.
ބޭރުގެ އެކި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާއިރު، އެ މީހުންގެ ކަރަންޓީން މުއްދަތަށް ބައްޔަށް ޓެސްޓުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ދޫކޮށްލާނީ އެ މީހެއްގެ ނަތީޖާތައް ލިބި ބައްޔަށް ނެގެޓިވްވުމުން ނެވެ. އަދި އޭގެ އިތުރުން ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް ”އެގްޒިޓް ސްކްރީނިން“ އެއް ވެސް ކުރާނެއެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ.
އެންމެ ފަހުން ހާމަ ކުރި މައުލޫމާތުތަކަށް ބަލާއިރު، ކަރަންޓީނު ފެސިލިޓީތަކުގައި ތިބި 800 މީހަކު އެބަތިއްބެވެ. ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުން އެނބުރި އައި ހަތަރު ދިވެއްސަކު ހިމެނެއެވެ. އެ ހަތަރު ދިވެހިންނަށް ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިވަގުތު ކަރަންޓީން ފެސިލީޓީތަކުގައި ގިނަ އަދަދެއްގެ ދިވެހިން އެބަތިއްބެވެ. އެ އެންމެނަކީ ވެސް ރާއްޖޭން ބޭރުގެ ެއެކި ގައުމުތަކުން އެނބުރި އައި ފަރާތްތަކެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނި، ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 49 ސާމްޕަލްތައް ނަގާ، ޓެސްޓުތައް ނެގެޓިވްވުމުން މި ހަފްތާގެ ތެރޭގައި ދޫކޮށްލާފައިވެއެވެ. އަދި މިއަދު 63 މީހެއްގެ ސާމްޕަލް ނަގާފައިވެއެވެ. އަދި އެ އެންމެންގެ ސާމްޕަލްތައް ވެސް ވަނީ ނެގެޓިވް ވެފައެވެ. އޭގެ އިތުރުން، 41 މީހެއްގެ 14 ދުވަސް ހަމަވެ، ސާމްޕަލް ނަގާފައިވެއެވެ. ކަރަންޓީންއިން ދޫކޮށްލަނީ ކަރަންޓީންގެ މުއްދަތް ކަމަށްވާ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު ޓެސްޓްކޮށް އަދި އޭގެ އަނެއް ދުވަހުވެސް ޓެސްޓްކޮށް ދެ ނަތީޖާވެސް ނެގެޓިވްވުމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީންއިން ދޫކޮށްލެވޭ މީހަކު ނުވަތަ ބައްޔަށް ޝައްކު ކުރެވި އައިސޮލޭޓު ކުރެވޭ މީހާ ދޫކޮށްލުމުން އޭނާ މުޖްތަމައުގެ ތެރެއިން ބާކީ ކުރާ މަންޒަރު ފެންނަ ކަމަށެވެ. އޭގެ ތެރޭގައި އޮފީސް މާހައުލުގައި އެ މީހަކާއި ދުރުދުރުން އުޅުން މަސައްކަތް ކުރުމާއި ޓެކްސީތަކަށް ނޭރުވުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ.
”ބައެއް ފަހަރު ޓެކްސީތަކަށް ނޭރުވުން. ނޫނީ އޮފީހަށް މަސައްކަތަށް ނިކުތުމުން ބައެއް މީހުން އެކަމާ ކަންބޮޑުވުން ފާޅުކޮށް މައްސަލަޖައްސާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަހުރި. އަޅުގަނޑު ދަންނަވާލަން ބޭނުން އައިސޮލޭޝަން ފެސިލިޓީތަކަށް މިލާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުން މި ދޫކުރަނީ މައިލްޑް ނުވަތަ މޮޑަރޭޓް ކޭސަސްގައި އެމީހުންގެ ކިބައިން އަލާމާތްތައް ފެންނަތާ 14 ދުވަސްފަހުން އަލާމަތްތައް އެއްކޮށް ރަނގަޅުވީމަ. އަދި އެންމެ މަދުވެގެން ދެ ނެގެޓިވް ޓެސްޓް އައީމަ.“ ޑރ. ނަޒްލާ
މިފަދަ ކަންތަކުގެ ޝަކުވާތައް ވެސް ލިބެމުން އަންނަކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީނުން ނުވަތަ އައިސޮލޭޝަނުން ދޫކޮށްލާ މީހަކު ދޫކޮށްލަނީ ބަލަންޖެހޭ ހުރިހާ ކަންތަކެއް ބެލުމަށްފަހުގައި ކަމަށެވެ. އަދި ދޫކޮށްލާ މީހެއްގެ ފަރާތުން ދެވަނަ މީހަކަށް ނުރައްކަލެއް ނޯންނާނެ ކަމަށެވެ.
ކަރަންޓީން ފެސިލިޓީތަކާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނެފައިވަނީ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ދިވެހިން 14 ދުވަހު ކަރަންޓީން ފެސިލިޓީގައި ބޭތިއްބުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއި ގުޅިގެން މިވަގުތު ރާއްޖެ އަންނަނީ މުޅިންވެސް ދިވެހިންނެވެ.

