ކޮރޯނާ ވައިރަސްއިން ފެތުރިޔަނުދިނުމަށް އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ބޭރުގެ ގައުމުތަކުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަވި 49 މީހަކު ބައްޔަށް ޓެސްޓުކުރުމަށްފަހު އެ އެންމެންގެ ވެސް ނަތީޖާ ނެގެޓިވްވުމުން ކަރަންޓީނުން ދޫކޮށްލައިފިއެވެ.
ދޫކޮށްލާފައިވަނީ ފަން އައިލޭންޑުގައި ކަރަންޓީންކޮށްފައި ތިބި މީހުންނެވެ. ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން ދޫކޮށްލާފައިވަނީ 63 މީހަކެވެ.
ހައި ރިސްކު މީހުން ޓެސްޓުކޮށް، ނެގަޓިވް ނުވަނީސް ކަރަންޓީނުން ދޫނުކުރާ ގޮތަށް އަމަލު ކުރަމުން އައި އުސޫލަށް ބަދަލު ގެނެސް، ރާއްޖޭގައި ކަރަންޓީނުކުރާ ހުރިހާ އެންމެން ޓެސްޓުކުރަން ނިންމާފައިވަނީ އައިލޭންޑް ސަފާރީގައި ތިބި ދެ ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވީއިރު، ހައި ރިސްކް ކޮންޓެކްޓުވެ އެ ސަފާރީގައި ތިބި މީހުންގެ ތެރެއިން ކަރަންޓީން ކުރި މީހުންގެ ތެރެއިން ދެ މީހަކު އިޓަލީއަށް ދިއުމަށް ފަލައިޓުގައި ތިއްބައި ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ބޭރުގެ އެކި ގައުމުތަކުން އަންނަ ދިވެހިން ވެސް 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާއިރު، އެ މީހުންގެ ކަރަންޓީން މުއްދަތަށް ބައްޔަށް ޓެސްޓުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ދޫކޮށްލާނީ އެ މީހެއްގެ ނަތީޖާތައް ލިބި ބައްޔަށް ނެގެޓިވްވުމުން ނެވެ. އަދި އޭގެ އިތުރުން ހުން އަދި ރޯގާގެ އަލާމާތެއް ހުރިތޯ ބެލުމަށް ”އެގްޒިޓް ސްކްރީނިން“ އެއް ވެސް ކުރާނެއެވެ. ކަރަންޓީންގެ 14 ދުވަސް ގުނަން ފަށަނީ އެ މީހަކު ކަރަންޓީން ފެސިލިޓީ އަކަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ.
ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ދޫކޮށްލި މީހުންނަކީ ބަނޑޮސް އައިލެންޑް ރިސޯޓާއި މަޑިވަރުގައި ކަރަންޓީން ކޮށްފައި ތިބި މީހުންގެ ތެރެއިން 60 މީހަކާއި ވެލިދޫ އައިސޮލޭޝަންގައި ތިބި ތިން މީހެއް ކަމަށެވެ. ވެލިދޫ އައިސޮލޭޝަންގައި ތިބި މީހުންނަކީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު، އެނބުރި ދިޔަ ފަހުން ޕޮޒިޓިވްވި މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ކޮންޓެކްޓްވި ތިން މީހުންކަން މަބްރޫކް ފާހަގަކުރެއެވިއެވެ. އެމީހުން ދޫކޮށްލަނީ ކަރަންޓީން މުއްދަތު ހަމަވެ، ޓެސްޓްތައް ހެދުމަށްފަހު ދެ ފަހަރު ހެދި ޓެސްޓް ވެސް ނެގެޓިވުމަށްފަހުއެވެ.
ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ދޫކޮށްލާފައިވާއިރު މި ދެ ދުވަހު ލަންކާ އަދި އިންޑިއާއިން އައި އިތުރު 300 މީހުން ވަނީ ކަރަންޓީން ކޮށްފަ އެވެ. އަދި އަންގާރަ ދުވަހު މެލޭޝިއާއިން ވެސް ދިވެހިން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

