ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އަސަރު ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކާ ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން
މުޖްތަމައުގެ ތެރޭގައި ކޮރޯނާވައިރަސް ފެތުރޭކަމުގެ ނިޝާނެއް އަދި ނުފެންނަ ކަމަށާއި ނަމަވެސް އެކަން ކަށަވަރުކުރަން އިތުރު ދިރާސާއެއް ހަދަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަ ްއޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ.
ރާއްޖެއިން ބޭރުން އައި ހަތަރު ދިވެއްސަކު ކޮރޯނާއަށް ޕޮޒިޓިވްވެފައި ވީނަމަވެސް ރާއްޖޭގައި މިބަލި ފެތުރޭ ހާލަތަކަށް އަދި ގޮސްފައި ނުވެއެވެ. ބަލީގެ އަސަރު ފެނުނު ހަތަރު މީހުންނަކީ ވެސް ޔޫކޭގައި ދިރިއުޅުމަށްފަހު އެނބުރި ގައުމަށް އައި މީހުންނެވެ. އަދި އެ މީހުން ތިބީ، ރާއްޖެ އައުމާއި އެކު ކަރަންޓީން ފެސިލީޓީތަކުގެއެވެ. ބަލީގެ އަލާމާތްތައް ފެނި، ޓެސްޓު ކުރީ ވެސް އެތަނުގައެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އާންމުންގެ ތެރޭގައި ކޮރޯނާ ވައިރަސް ފެތުރޭ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށެވެ. ފަރުވާއެއް ހޯދިފައިނުވާ މި ބަލި އާންމުންގެ ތެރޭގައި ނެތްކަން ޔަގީން ކުރުމަށް ދެ ގޮތަކަށް ދިރާސާއެއް ބައްޓަން ކުރަމުން އަންނަ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އޭގެ ތެރެއިން އެއް ގޮތަކީ، ނޭވާލާ ނިޒާމުގައި އިންފެކްޝަނެއް އުފެދިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ޓެސްޓުކުރުމެވެ. ދެ ވަނައަށް، ނޭވާލާ ނިޒާމުގެ ބަލިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރިޕޯޓުކުރާ މިންވަރު ބެލުމެވެ. އަދި ބައްޔާއި ގުޅިގެން ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްއަށް ދިޔަ މީހުންގެ ސާމްޕަލްތައް ނަގައި، އެއްވެސް ވަރަކަށް ކޮމިއުނިޓީ ތެރޭގައި އެއްވެސް އަސަރެއް ހުރިތޯ މީގެ ކުރިންވެސް ބަލާފައިވާނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ނޭވާލާ ނިޒާމުގެ ބަލިތައް، އެޗްޕީއޭއިން ގަވާއިދުން ކޮންމެ ދުވަހަކުވެސް ބަލަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ތަނެއްގައި ދުވާލަކަށް ރިޕޯޓް ކުރެވެމުންދާ މިންވަރުގެ ތަފާސްހިސާބުތައް ވެސް އެއްކޮށް، އެއްވެސް ތަފާތެއް ފާހަގަކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.
”.މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އިތުރަށް ކޮމިއުނިޓީ ސްޕްރެޑް ނެތްތޯ ޔަގީންކުރުމަށް އިތުރު ސްޓަޑީއެއް ހެދުމަށް. މިހާރު ކޮންކޮން ބައެއްގެ ސާމްޕަލްތައްތޯ ނަގާނީ، ކިތަށްތޯ، ކިތަށް ސާމްޕަލްތޯ އޭގެ މަސައްކަތްތައް ކުރަމުން މިއަދުވެސް މިދަނީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރަތަމަ ކޮމިއުނިޓީ ސްޕްރެޑް ނެތްކަން ޔަގީންކަން ސްޓަޑީއެއް ތައްޔާރުކުރާނަން. މިހާތަނަށް އައި އިރު ނެތް އިންޑިކޭޝަނެއް ލިބިފައި. މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަމުން ދަނީ އިތުރަށް ކޮމިއުނިޓީ ސްޕްރެޑް ނެތްތޯ ޔަގީންކުރުމަށް އިތުރު ސްޓަޑީއެއް ހެދުމަށް“ ޑރ. ނަޒްލާ
ޑރ. ނަޒްލާ ވިދާޅުވީ އެ ރިޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ. އަދި ބައްޔާއި ގުޅިގެން ތަފާތު އެކި ފިޔަވަޅުތަކެއް އަޅާފައިވާއިރު އެކަމަށް ލުޔެއް ގެންނަނަމަ ވެސް ޔަގީން ކުރަންޖެހޭ ކަންތަކެއް ހުންނާނެ ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ރިސްކެއް ނުނެގުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މަދު މީހަކު އަމަލުކޮށްގެން އޭގެ ނަތީޖާއެއް ނުފެންނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ފިޔަވަޅުތަކަށް ބޯ ނުލަނބާ ބަޔަކު ތިބި ނަމަ އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުވެސް އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.

