ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް ރިސޯޓަކުން ފޭބި ފަސްމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެޗްޕީއޭގެ އެންގުމާއި ޚިލާފަށް ފާއިތުވެދިޔަ ހޮނިހިރުދުވަހު ޔޫ އެންޑް މީ ކޮކޫން ރިސޯޓުން ފައިބައިގެން ދިވެހި ފަސް ފިރިހެނުން ރ.އަލިފުށްޓަށް ގޮސްފައިވާކަމަށެވެ.
މީގެ އިތުރުން، ފުލުހުން ބުނީ ހޯމަދުވަހުގެރޭ 11.50 ހާއިރު، ކޯޓު އަމުރެއްގެ ދަށުން އެ ފަސް މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، ތަޙުޤީޤު ފަށާފައިވާ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާޗް 30 ވަނަ ދުވަހު އެޗްޕީއޭއިންވަނީ އެއް ރިސޯޓުން، އަނެއް ރިސޯޓަށް ދަތުރުކުރުމާއި، ރިސޯޓުތަކުން ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައެވެ. ނަމަވެސް، މީގެ ކުރިން ވެސްވަނީ، ހުއްދަނެތި ރިސޯޓަކަށްއެރި މީހަކުގެ މައްސަލައެއް ވެސް ފެންމަތިވެފައެވެ. މީގެ އިތުރުން ގަވާއިދާއި ޚިލާފަށް ރިސޯޓުން ފައިބައިގެންދިޔަ މީހުންގެ މައްސަލަތަކެއް ވެސް ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

