”މަތީ އަރުތަވެރިންގެ އިނާމު 2025“ ދިނުމަށް ބާއްވާ ސިލްސިލާ ރަސްމިއްޔާތުތަކުގެ ތެރެއިން ރޭ ބޭއްވި ތިންވަނަ ދަންފަޅީގައި 304 ދަރިވަރަކު އިނާމު ހާސިލްކޮށްފިއެވެ.
ރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، 2025 ވަނަ އަހަރު މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ގަދަ 10ގެ ފަސްވަނަ ހާސިލްކޮށްފައިވާ 42 ދަރިވަރުންގެ ތެރެއިން ފުރަތަމަ ބުރުގެ 16 ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ގަދަ 10ގެ ހަތަރުވަނަ ހާސިލުކުރި 48 ދަރިވަރުންގެ ތެރެއިން ފުރަތަމަ ބުރުގެ 7 ދަރިވަރުންނަށްވެސް އެމަނިކުފާނު ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
މި ދަންފަޅީގައި ޖުމްލަ 390 ދަރިވަރުންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މަތީ ސާނަވީ އިމްތިހާނުން 10 ވަނަ ހާސިލުކުރި 55 ދަރިވަރުންނާއި، 9 ވަނަ ހާސިލުކުރި 67 ދަރިވަރުންނާއި، 8 ވަނަ ހާސިލުކުރި 61 ދަރިވަރުންނާއި، 7 ވަނަ ހާސިލުކުރި 60 ދަރިވަރުންނެވެ. އަދި 6 ވަނަ ހާސިލުކުރި 57 ދަރިވަރުންނާއި، 5 ވަނަ ހާސިލުކުރި 42 ދަރިވަރުންގެ އިތުރުން 4 ވަނަ ހާސިލުކުރި 48 ދަރިވަރުން ހިމެނެއެވެ.
ދަރިވަރުންނަށް އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އާއި ދައުލަތުގެ އިސްވެރިންނެވެ. ރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގެންނެވުމުން އެމަނިކުފާނަށް އޮނަރ ގާޑެއް އަރުވާފައިވާއިރު، ދަރިވަރުންގެ ފަރާތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ.
މިއަހަރުގެ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ.

