މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހު ހަމަވުމަށް ފަހުގައި އެ ކައުންސިލަރުންގެ މުއްދަތު އިތުރުނުކޮށް، ކައުންސިލުތައް ހިންގާނެ ބަޔަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ރާއްޖޭން ފެނި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އަދި އިތުރަށް ފަސް ކުރަން ބޭނުންވާ ޚާއްސަ ޤާނޫނުގެ ބިލާއި ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.
އިންތިޚާބު ފަސްކުރަން ޚާއްސަ ޤާނޫނެއް ފޮނުވާފައިވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމާއިމެދު ސުވާލު އުފެއްދެވިއެވެ. އަދި މިހާރު އޮތް ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ގިނަ މެންބަރުންވެސް ދެކޮޅު ހައްދަވައެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައި ނުވާ ކަމަށާއި އެހެންވެ، ގާނޫނު އަސާސީ އިސްލާހުކުރަން ހުރަހެއް ނެތް ކަމަށެވެ. ބަންޑާރަ ނައިބުގެ އިތުރުން ގާނޫނު އަސާސީ އިސްލާހު ކުރަން އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާވެސް ލަފާ ދެއްވައިފައިވެއެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ، މިހާރު އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ދައުރު ހަމަވުމުން، ރައީސުލްޖުމްހޫރިއްޔާ އަށް ކައުންސިލްތައް ހިންގަން ބަޔަކު އައްޔަން ކުރެވިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ މި ދަނޑިވަޅަކީ ޤާނޫނު އަސާސީ އަށް ބަދަލުގެންނަން އެންމެ ރަނގަޅު ހާލަތުކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ބާރުގެ ދަށުން މިއީ ޚާއްސަ ހާލަތެއް ކަމަށް ބެލުމަށް ފަހު ކައުންސިލްތައް ހިންގަން މީހަކު އައްޔަން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ޤާނޫނުގައި ވެސް އެބައޮތް އެކަމަށް ހައްލު ހޯދޭނެ ގޮތް ވެސް އިއްޒަތްތެރި ރައީސް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް ހައްލު ހޯދޭނެ ގޮތެއް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބަ ބުނޭ، ރައީސުލްޖުމްހޫރިއްޔާ އަށް ހިންގުން މީހަކާއި ހަވާލު ކުރެވިދާނެ ކަމަށް. އަޅުގަނޑުމެން މިއުޅެނީ ޚާއްސަ ހާލަތެއް އައިސްގެން އިނގޭތޯ“ ޝަހީމް ވިދާޅުވިއެވެ.
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތު އޮތުމުން ގާނޫނު އަސާސީ އިސްލާހު ކުރަން ވަރަށް ފަސޭހަ ކަމަށާއި ނަމަވެސް އޭގެ ސަބަބުން އަންނަނާ ނަތީޖާ މާ ގޯސް ވެދާނެ ކަމަށެވެ. އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ ގާނޫނުއަސާސީގެ އެތައް މާއްދާއަކުން ރައީސަށް ލިބިދީފައިވާ ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރިޒާވެސް އިއްތިފާޤުވީ އެހެން މެންބަރުންވެސް ވިދާޅުވި ގޮތަށް މި ހާލަތުގައި ކައުންސިލްތައް ހިންގާނެ ފަރާތްތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅިދާނެ ކަމަށެވެ.
”ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާއަށް އެބަ ލިބޭ އިހުތިޔާރު، އަޅުގަނޑު ދެކޭ ގޮތުގައި މި ޚާއްސަ ހައްސާސީ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ނުވަތަ އަޅުގަނޑުމެން މި ދަންނަވާ، މިހާރު ފާސްކޮށްފައި އޮތް ކައުންސިލްތަކުގެ ގާނޫނުގައި އެ އޮތް ސެކްރެޓަރީ ޖެނެރަލް އާއި ކައުންސިލް އިދާރާތައް ހަވާލުކުރަން“ ރިޒާ ވިދާޅުވި އެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ ކައުންސިލަރުންގެ ދައުރު ނިމުމުން، ކައުންސިލްތައް ހިންގާނެ ސެކްރެޓަރީ ޖެނެރަލުންތަކެއް މިހާރު ތިބި ކައުންސިލަރުންނަށް އައްޔަން ކުރެވިދާނެ ކަމަށެވެ. ކައުންސިލް ލަފާގެ މަތިން ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމަކީ ގާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް، ލާމަރުކަޒީ ގާނޫނުގެ 126 ވަނަ މާއްދާގެ ށ. ގައި ބަޔާން ކުރެވިފައި އެބަ އޮތް، އެހެންވީމާ އަޅުގަނޑަށް ފެންނަ ގޮތުގައި އެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ހަމަ ރަނގަޅަށް ސެކްރެޓަރީ ޖެނެރަލްގެ ޒިންމާގެ ތެރޭގައި ހިމެނިގެން އެބަ ދޭ“ ވަހީދު ވިދާޅުވި އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ކައުންސިލްތަކުގެ އިންތިހާބު، ކައުންސިލަރުންގެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން ބާއްވަން ޖެހެ އެވެ. މިހާރު އޮތް ކައުންސިލްތަކުގެ މުއްދަތު ހަމަވާނީ ޖޫން މަހަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ އެޕްރީލް 4 ވަނަ ދުވަހުއެވެ. އެކަމަކު ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށްވެސް ފޯރުމުން، މި މަހު 18 އަށް ފަސްކުރި އެވެ. އަދި އޭގެ ފަހުން ފަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

