ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކުފޯހުން ތިލަފުށީގައި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއް ހިންގައި 32 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ތިލަފުށީގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް އިއްޔެ ކުރިއަށް ގެންގޮސްފައެވެ. މި ރެއިޑުގައި ޖުމުލަ 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ”އޮޕަރޭޝަން ކުރަނގި“ގެ ނަމުގައި ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭހަކަށް ގެނައުމާއި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނައި ފޮޓޯ އަދި މައުލޫމާތު އެއްކުރުމަށް ފެށި ”އޮޕަރޭޝަން ކުރަނގި“ގެ ތެރޭގައި ސައްހަ ވޯކްޕާޓިކްގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން %98 މީހުންގެ ބަޔޮމެޓްރިކްސް ނެގިފައިވާކަމަށާއި އަދި ބާކީ ތިބި މީހުން ކުރިއަށް އޮތް ހަ މަސް ތެރޭގައި ހޯދައި ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.
މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އިމިގްރޭޝަނުން މާލެ ހުޅުމާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލައި ފާސްކުރުމުގެ ޚާއްޞަ އިންސްޕެކްޝަންތައް ހިންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ އެތައް ބިދޭސީއަކު ވަނީ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ. ޤަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތްކުރާ ތަންތަނާއި އެފަދަ ކަންކަން ހިނގާކަމަށް ޝައްކުކުރެވޭނަމަ މޯލްޑިވްސް އިމިގްރޭޝަނުގެ ޚާއްޞަ ޕޯޓަލް ނުވަތަ ހޮޓްލައިން މެދުވެރިކޮށް ރިޕޯޓްކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

