ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮކްޓަރުންނާއި ނަރުހުންގެ އަގު ވަޒަންކުރައްވާ!

ޢުމުރުން 19 އަހަރުގެ ބަނޑުތެރޭގައި އޮތް ޕިނެއް ނެގުމަށްފަހު އައިޖީއެމްއެޗުގެ ސާޖަރީ ޓީމް ފޮޓޯއަކަށް ހުއްޓިލައިގެން. ފޮޓޯ: އައިޖީއެމްއެޗް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް މީހަކީ އެކަނި އުޅެވޭނެ މީހެއްނޫނެވެ. ކޮންމެ މިހަކީ ވެސް އަނެކާގެ އެހީތެރިކަމަށް ބޭނުންވާނެ މީހެކެވެ. އަނެކުންގެ އޯގާތެރި ”އަތްތައް“ ބޭނުންވާނެ މީހެކެވެ. އަނެކުންގެ ހިތްވަރުގެ ”ބަސްތައް“ ބޭނުންވާނެ މީހެކެވެ.

ދުނިޔަވީ މި ޙަޔާތުގައި ކޮންމެ މީހަކު ވެސް ބަލިވާނެކަމީ އޮޅުމެއް އޮތްކަމެއްނޫނެވެ. ޢުމުރުގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް ބައްޔަކާ ކުރިމަތިލާންޖެހޭނެ މީހެކެވެ. މި ގޮތުން، އެ މީހާއަށް ހޭހަންކުރާނެ މީހަކު ހުރުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ. މި ގޮތުން ބަލާއިރު، އިންސާނާ ބަލިވުމުން އެންމެ ބޮޑު އަޅާލުމެއް ދޭންތިބި ބަޔަކީ، ޑޮކުޓަރުންނާއި ނަރުހުންނެވެ. އެއްވެސް ހާލެއްގައި އެ މީހެއްގެ އަހުލުންގެ އެހީ ބޭނުންނުވާނެއެކޭ އަޅުގަނޑު ނުދަންނަވަމެވެ. އެހެނަސް އިންސާނާގެ ހަޔާތުގައި އެންމެ މުހިންމު ރޯލެއް ކުޅުއްވަނީ، ޑޮކުޓަރުންނާއި ނަރުހުންކަމާމެދަކު ތިޔައިގެތެރެއިން ބޭފުޅަކު ދެބަސްވާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އެހެނީ، އަޅުގަނޑުމެން އުފަންވުމާއި ހިސާބުން ފެށިގެން، މަރުވުމާއި ހަމައަށް، ހަޔާތުގެ ކޮންމެ ދައުރެއްގައި ވެސް، ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަން ނުހަނު ބޮޑެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ވާހަކަދައްކާއިރު، ދިވެހިރާއްޖޭގައި ސިއްހީ ޚިދުމަތްތައް ފެށިގެންއައި ހިސާބަށް ނަޒަރެއްދިނުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިންމުކަމެކެވެ. ދިވެހިރާއްޖޭގެ ސިއްހީ ތާރީޚުގެތެރެއަށް ނަޒަރު ހިންގައިލުމުން އެންމެ ފުރަތަމަ ފެންނަނީ، ދިވެހިބޭސްވެރިންނާއި، ފޫޅުމައިންނާއި، ފަންޑިތަވެރިންނެވެ. ޤަދީމީޒަމާންތަކުގައި ދިވެހިންނަކީ، ޑޮކްޓަރީ ބޭސްވެރިކަމާއި، ޑޮކްޓަރީ ބޭހާއި އަހުލުވެރިބައެއްނޫނެވެ.

އެ ޒަމާންތައް ފަސްދީ، ޤައުމު އާ ދައުރަކަށް ހޭލީ، ރާއްޖޭގައި ޤާނޫނުއަސާސީއެއް ފާސްވެ، 1932 ޑިސެމްބަރު 22 ގައި ”ވުޒާރަތުއްޞިއްޙާ“ ވުޖޫދުވުމާއި ގުޅިގެންނެވެ. އޭގެ ދުވަސްކޮޅެއްފަހުން، 1934 އޭޕްރީލް 07 ގައި، ފުރަތަމަފަހަރަށް ރާއްޖޭގައި ޑިސްޕެންޝަރީއެއް އުފަންވެ ޑޮކްޓަރީބޭހަށް ދިވެހީން އަހުލުވެރިވާންފެށި ހިސާބެވެ. މި ޑިސްޕެންޝަރީގައި ފުރަތަމަ ޚިދުމަތްކުރައްވާފައިވަނީ، އަވަށްޓެރި އޮޅުދޫކަރައިގެ (ސްރީލަންކާ) ދިވެހިންގެތެރޭގައި ”ކަޅު ޑޮކްޓަރު“ ގެ ނަމުން މަޝްހޫރުވެފައިވާ، ފާރމަސިސްޓެއްކަމަށްވާ މިސްޓަރ އަރުމަނަޔާގަމްއެވެ. މި ޑިސްޕެންޝަރީގައި، ބަލިމީހުން ސާފުކޮށްދީ، ބޭސް އަޅައިދީ، އަތްގާތްކޮށްދީ ހަދާފައިވަނީ، މޮޓަ ދޮންމަނިކެއާއި، މ.ގިޔުޅިލާށިމާގޭ ދޮން އައިސާފުޅެވެ.

މަޑުމަޑުން ނަމަވެސް ސިއްހީ ދާއިރާ ކުރިއަރަމުންގޮސް، މާލޭގައި ފުރަތަމަ ފަހަރަށް ހޮސްޕިޓަލެއް ނުވަތަ ޑޮކްޓަރުގެ ގެއެއް ޤާއިމްކޮށް، އެ ތަނުގެ ޚިދުމަތްތައް ޢާންމުކޮށް ހުޅުވައިލީ، 1948 ޖެނުއަރީ 11 ވީ އާދިއްތަދުވަހުއެވެ. މި ތަނަކީ، ކަނބާފާނު ގަނޑުވަރު ހުރިތަނުގައި،( މިހާރު އޭޑީކޭ ހޮސްޕިޓަލު ހުންނަ ތަން) އޭރު ހުރި ހޮސްޕިޓަލެކެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ، މި ހޮސްޕިޓަލުގައި ހުރީ އެންމެ ތިން އެނދުކަމެވެ. އެ ތަން ހުޅުވުމާއެކު ފުރަތަމަ ޚިދުމަތްކުރެއްވި ޑޮކްޓަރަކީ، އޮޅުދޫކަރައިގެ ޑޮކްޓަރެއްކަމަށްވާ ޖޭޔަރަތުނަމް އެވެ. މި ޑޮކްޓަރާއެކު ޚިދުމަތްކުރަން ފެއްޓެވި އޮޅުދޫކަރައިގެ ދެ ނަރުހުންނަކީ، ”ނޯނާ“ އާއި ”ނާރސް“ ގެ ނަމުން ދިވެހިންގެތެރެއަށް މަޝްހޫރުވި ދެ ނަރުހުންނެވެ. މި ކުޑަކުޑަ ޓީމާއި ގުޅިވަޑައިގަންނަވައި، ޚިދުމަތްކޮށްދެއްވި ދިވެހި ތިން ނަރުހުންނަކީ، މ.އަސަރީގޭ ޒުބައިދާ އިބްރަހިމްދިދީއާއި، މއ.ބަހާރުގޭ ޝަހީމާ އިބްރާހިމް ކަލޭފާނާއި، ސަމީޙާ މޫސާއެވެ. މީގެ އިތުރުން، މި ތިންކަނބަލުންނަށް ވަރަށް ބޮޑު އެހީތެރިކަމެއްދެއްވި އަލްފާޟިލް މުޙައްމަދު ޒަހިރު ނަޞީރުގެ ޚިދުމަތްތައް ކުލަގަދަ ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ.

1959 އަހަރު މާލޭގައި ތިންވަނަ ބޮޑު ރޯގާގެ ނަމުން ނަންދެވުނު ހުމުގެރޯގާ ( އިންފްލުއެންޒާ ) ފެތރުރިގެންދިޔައެވެ. އެ ރޯގާ ފެތުރިގެންދިޔަ އަވަސްކަމާއި ހަލުވިކަމުން ސަރުކާރުގެ އޮފީސްތައް ހަފުތާއަކަށްވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ބަންދުކުރަންޖެހުނެވެ. އޭރު ދިވެހިރާއްޖެއަކީ، އިނގިރޭސީންގެ ހިމާޔަތުގައި އޮތް ޤައުމެއްކަމަށްވުމުން، އެ ޤައުމުގެ އެހީތެރިކަމާއެކު ޑަބްލިޔުއެޗްއޯގެ ފަރާތުން ހެލްތު އެސިސްޓެންޓުން ތަމްރީނުކުރުމަށްޓަކައި، 1959 ވަނަ އަހަރު ޑިސެމްބަރުމަހުގައި ޑަބްލިޔުއެޗްއޯގެ ސީނިއަރ އޮފިސަރެއްކަމަށްވާ ޑރ. މުޙައްމަދު ޢުމަރު ޙަޔާތު ރާއްޖެ ވަޑައިގަތެވެ. ސުއްމުވުލްއަމީރު އިބްރާހިމް ނާޞިރުގެ ދައުރުގައި، އޭރުގެ ވަޒީރުއްޞިއްޙާ އަލްފާޟިލް އަޙްމަދު ޙިލްމީގެ ސީދާ ބެއްލެވުމުގެދަށުން 1960 ގައި ހެލްތު އެސިސްޓެންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށިގެންދިޔައެވެ. ގަލޮޅު ގްރީންގޭގައި ހިނގަމުންދިޔަ ފުރަތަމަ ކުލާހުގައި ބައިވެރިވެވަޑައިގެންނެވި 9 ކުދިންގެތެރޭގައި ހިމެނިވަޑައިގަންނަވާ ނައިފަރު މުޙައްމަދު ޒަކަރިއްޔާގެ ބަސްފުޅެއް ހަނދާންކޮށްލުން ކީއްތޯއެވެ!

”އަޅުގަނޑު ފާހަގަކޮށްލާނެކަމަކީ އެދުވަސްވަރު ރައްޖެތެރޭގައި ހުޅުވުނު ހެލްތު ސެންޓަރުތަކަށްދިޔަ ހެލްތު އެސިސްޓުން އުޅުނު ދަތިޙާލެވެ. އޭރު ސެންޓަރަކީ، ކޮންމެވެސް ގެއެއްގެ ނުވަތަ އޮފީހެއްގެ ކުޑަކޮޓަރިއެވެ. ޕިޔޯނެއްހުރިނަމަ އެއީ ހުރިހާވެސް އެހީތެރިޔާއެވެ. ކައިބޮއެ ނިދާހެދިގޮތް މިއަދު ކުދިންނަށް ޤަބޫލުކުރެވޭނެބާއެވެ؟ ހަމަ އެހެން، ހެލްތު އެސިސްޓެންޓެއް ވެކްސިން ބުރެއްގައި މާލޭން ފުރައިގެން ކަނޑުން ފިރުކެމުން، ރާއްޖޭގެ މީހުންއުޅޭ ހުރިހައި ރަށަކަށް އެއްބުރެއްގެ ދިގު ދަތުރެއް ކުރި ވާހަކަ އެހި މީހަކު މިއަދު އުޅޭނެބާއެވެ؟“ ( ފުރަތަމަ ހެލްތު އެސިސްޓެންޓުން، މުޙައްމަދު ޒަކަރިއްޔާ، ޅ.ނައިފަރު، މީޒާން/ޖަމާޢަތުގެ ޚަބަރު، އޯގަސްޓު 2007 )

ނަރުސްކަމުގެ ތަމްރީނުތައް ރާއްޖޭގައި ފެށިފައިވަނީ 1961 ވަނަ އަހަރުގައެވެ. މި ގޮތުން ނަރުހުންގެ އެހީތެރިން ތަމްރީނުކުރުމުގެ ފުރަތަމަ ބުރުގެ ކޯހުގައި، އަލްފާޟިލާ ޛުލައިޚާ ޖަމީލު ( މ.ކުއްޅަވައްގެ )، އަލްފާޞިލާ އާމިނަތު ރަޝީދާ ( ހ. ގުލްއަލާމާގެ )، އަލްފާޟިލާ ޢަފީފާ މުޙައްމަދު ( ނ.ހޮޅުދޫ )، އަލްފާޟިލާ މަރްޔަމް ޙުސައިންފުޅު ( ޅ.ނައިފަރު )، އަލްފާޟިލާ ޢަފީފާ ސަޢީދު ( މ.އަލްފްރެސްކޯ ) ހިމެނިވަޑައިގަންނަވައެވެ. މި ކަނބަލުންނަށް ތަމްރީނުދެއްވީ، ސަރުކާރުން ގެންނަވާފައިހުރި ނަރސް މިސް އެމް.ޖޭ.ޖޯސަފް އެވެ.

 

ފޮޓޯ: ޑަބްލިޔުއެޗްއޯ މޯލްޑިވްސް

އޭގެއަހަރުތަކެއް ފަހުން ރާއްޖެއަށް އިތުރު ދިރުމެއް ލިބިގެންދިޔައެވެ. 1963 ގައި އޮނަރަބަލް އަލްފާޟިލާ މުއުމިނާ ޙަލީމް ( ހެލްތު މިނިސްޓަރ: 1977 ޖެނުއަރީ 06 – 1978 ނޮވެމްބަރު 11) އިންޑިއާގެ ވެއްލޯރުގެ ކްރިސްޓިއަން މެޑިކަލް ކޮލެޖުގައި ނަރުސްކަމުގެ ތަޢުލީމައި، ތަމްރީނުތައް ހޯއްދެވުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގަތުމާއި ހަމައިންނެވެ. އޭގެ ދެއަހަރެއްފަހުން، އަލްފާޟިލާ ނަސިމާ މުޙައްމަދު ކަލޭފާނު ( ހ. ހިކިފިނިފެންމާގެ/ހ.މާގިރި ) އާއި،
އައްނަބީލާ ޢާއިޝަތު އިބްރާހިމްދީދީ ( ގ. ހެލެނގެލި ) އާއި ދެ ކަނބަލުން ވެސް ތަމްރީނުތައް ހޯއްދެވުމަށްފަހު ނަރުހުންގެ ޚިދުމަތްތަށް ފެށްޓެވިއެވެ.

 

ފޮޓޯ: ޑަބްލިޔުއެޗްއޯ މޯލްޑިވްސް

ޑޮކްޓަރުގޭގެ ނުވަތަ ރާއްޖޭގައި ބިނާކުރި ފުރަތަމަ ހޮސްޕިޓަލުގެ ދައުރު ނިމުނީ، 1967 އޮކްޓޫބަރު 07 ގައި، 48 އެނދުގެ ހޮސްޕިޓަލެއް ހުޅުވައިލުމާއެކުގައެވެ. އެ ހޮސްޕިޓަލަކީ، އިނގިރޭސި ސަރުކާރުގެ އެހީގައި، ވައިލެޓްފެހީގައި ޢިމާރާތްކުރެވުނު ހޮސްޕިޓަލެކެވެ. މި ތަން މަރުކަޒީ، ހަސްފަތާލެއްގެ ގޮތުގައި ހިންގުމަށްފަހު، ބަންދުކުރީ 1994 ޑިސެމްބަރު 31 ގައި، އިންދިރާގާނދީ މެމޯރިއަލްގެ ޚިދުމަތްތައް ފެށުމާއި ހިސާބުންނެެވެ.

އެއްވެސް ޝައްކެއްނެތެވެ. އޭގެފަހުން މަޑުމަޑުން ކުރިއަރަމުން ގޮސް މިއަދު ރާއްޖޭ މިއޮތީ އޭރާ އަޅާބަލާއިރު އުޑާ ބިމާހައި ތަފާތުކޮށެވެ. ކޮންމެ ރަށެއްގައި ސިއްހީ ފަރުވާ ހޯދޭނެގޮތް ހަމަޖެހިފައިވެއެވެ. ޑޮކްޓަރުންނާއި، އެތަކެއް ނަރުހުންނެއް އެބް ތިއްބެވިއެވެ. އެ ބޭފުޅުންގެ ޚިދުމަތްތައް ކުރައްވަމުން އެ ގެންދަވަނީ ވަރުބަލިވެލެއްވުމެއްނެތިއެވެ. ބަލިމީހާ ހޮސްޕިޓަލަށް އައި ކޮންމެ ވަގުތަކުވެސް، އެ ކުރިމަތިލައްވަނީ ހިތްހެޔޮކަމާއެކު އުފާވެރި މޫނަކާއިގެންނެވެ. މިއަދު ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުގައި އެ ބޭފުޅުންގެ ޚިދުމަތްތައްކުރައްވަމުން އެހެރަ ގެންދަވަނީ ޖެހިލުންވެލެއްވުމެއްނެތިއެވެ. ދުވާލަކު އެތަކެއް ފަހަރު ނަސޭހަތްތެރިވެލައްވަމުން އެ ގެންދަވަނީ ހަމަ އަޅުގަނޑުމެންގެ ޤައުމުގެ މުޖުތަމަޢުއަށާއި، މުސްތަޤުބަލާމެދު ފިކުރުކުރައްވައި އަޅުގަނޑުމެންނަށް ހެޔޮއެދިލައްވާތީކަން ކަށަވަރެވެ. އެހެންނަމަވެސް، ގިނަ ދިވެހިންނަކީ ވަރަށް ބޯހަރު ބައެކެވެ. އެ ބޭފުޅުންގެ އިލްތިމާސްތަކަށް ބޯނުލަނބައި ހިތަށްއެރިގޮތަކަށް އުޅެމުން އެހެރަދަނީއެވެ. އަޅުގަނޑުދެކޭގޮތުގައި، އެ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަކީ، އެ ބޭފުޅުންގެ ބަސްތަކަށް ކިޔަމަންވެ ބޯލެނބުމެވެ. އެ ބޭފުޅުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: