މިހާރު މުލިދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ނުރައްކަލާއި ގުޅިގެން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން މިހާރު ތިބި ކައުންސިލަކުގެ ދައުރު ދެންމުނަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ނުކުރެވޭނެ ކަމެއް ކަމަށް ބުނެ މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވަމުން ގެންދަވާ ގެންދިއުމަކީ ގާނޫނުއަސާސީ ފުނޑާލަން މަސައްކަތް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީޙުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައި އެކަމުގައި މެމްބަރުންގެ ލަފަޔަކަށް އެދިވަޑައިގެން ވާހަކަ ދެއްކެވުމަށް ހުޅުވާލި ފުރުސަތުގައި ޝަރީފް ވިދާޅުވީ މިވަގުތު މުޅި ދުނިޔޭގެ ހާލަތު އޮތްގޮތުންނާއި އަދި ރާއްޖޭގެ ވެސް ހާލަތަށް ބަލައި ކައުންސިލް އިންތިހާބު ފަސްކޮށް މިހާރު ތިބި ކައުންސިތަކުގެ ދައުރު ދެންމުމަށް ރައީސުލްޖުމްހޫރީއްޔާ ސަރުކާރުގެ ފަރާތުން ހުށަހެޅުން އެކަން އެއީ ނުކުރެވޭނެ ކަމެއް ކަމަށް ބުނެ ބައެއް މެމްބަރުން ވާހަކަ ދައްކަމުންދާ ދިއުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއަށް ފައިންއަރާ ގާނޫނުއަސާސީ ޗިސްޗިސްކޮށް ފުނޑާލަން ދައްކަވަމުން ގެންދަވާ ވާހަތަކެއް ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ގާނޫނުއަސާސީގެ ރޫހަށްބަލާއިރު މިހާރު އޮތް ހާލަތުގެ ސަބަބުން އިންތިހާބު ބޭއްވެން ނެތުމުން ގާނޫނުއަސާސީއަށް ބަދަލު ނުގެނެސް ވެސް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމެން އެބަ އޮތް ކަމަށެވެ. އެގޮތުން ޝަރީފް ފާހަގަ ކުރެއްވީ ގާނޫނުއަސާސީގެ 80 ވަނަ މާއްދާއެވެ. އެ މާއްދާއަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު އިންތިހާބު ނުބޭއްވޭނަމަ މަޖިލީޙުގެ ދައުރު މަޖިލީޙުން ފާސްކުރާ ގަރާރަކުން އެއް އަހަރު ދުވަހަށް ދެންމިދާނެ ކަމަށް ބުނާ މާއްދާއެވެ.
ޝަރީފް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު އިންތިހާބު ފަސްކޮށް މަޖިލީޙުގެ ދައުރު ދެންމިދާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރެވިގެންދިޔައިރު އެހެން އިންތިހާބުތައް ވެސް އެގޮތަށް ފަސްކުރެވިދާނެކަން ގާނޫނުއަސާސީގައި ބަޔާން ނުކުރެވި އަތުން ދޫކޮށްލެވިފައިވާކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މުޅި ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު އިންތިހާބު ބޭއްވެން ނެތް ނަމަ މަޖިލީހުގެ ދައުރު ދެންމޭ ފަދައިން ކައުންސިލްތަކުގެ ދައުރު ވެސް މަޖިލީހުން ފާސްކުރާ ގަރާރަކުން ދެންމިދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ މިވަގުތައް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެހެން ކަމުން ވަލުން އެކިއެއްޗިހި ނަގައިގެން އެކަން ނުކުރެވޭނެ ކަމަށް ބުނެ ބައެއް މެމްބަރުން ދައްކަވާ ވާހަތަކަކީ ގަބޫލު ކުރެވޭނެ ވާހަތަކެއް ނޫން ކަމަށް ޗަރީފް ވިދާޅުވިއެވެ. އަދިި ވިދާޅުވީ މިހާރު ދިމާވެފައިވާ ހާލަތަށް ވެސް ގާނޫނުއަސާސީގެ ތެރެއިން ހައްލު ހޯދެން އެބަ އޮތް ކަމަށާއި އެހެން ކަމުން ގާނޫނުއަސާސީގެ ބޭރުން އެއްވެސް ކަމެއް ކޮސްގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

