ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
”ޑޮލަރެއް ނެތް“ ނަމުގައި އެމްޑީޕީން ބޭއްވި ޕެނަލްގައި އަމީރު ވިދާޅުވީ ޑޮލަރުގެ އަގު އުފުލޭ އެއް ސަބަބަކީ ދައުލަތުގެ ހަރަދު ކުޑަނުކުރެވި، ބަޖެޓް ފައިނޭންސްކުރަން ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ވެސް އެއްކޮށްހެން ނުކުޅެދިފައިވުން ކަމަށެވެ.
އަމީރު ވިދާޅުވީ ސަރުކާރުން ޑޮލަރު ރޭޓު ދަށަށް ދާނެ ކަމަށް ބުންޏަސް އެއީ އިގްތިސޯދީ ހަމައަކުން ބަލާފައި ދައްކާ ވާހަކައެއް ނޫންކަން އެނގޭ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ރޭޓު މައްޗަށް ދާއިރު، އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ޑޮލަރު ލިބުމުގައި ދަތިތައް ދިމާވުމުން ރައްޔިތުންނަށް ކާޑުން ކުރެވޭ މުއާމަލާތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ. އެގޮތުން އީ-ކޮމާސް ސައިޓުތަކަށް 30 ޕަސަންޓުގެ ޗާޖެއް ނަގާއިރު، ލިމިޓެއްވެސް މިހާރު ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ވިޔަފާރިވެރިން ހަދާ ޓީޓީތަކަށް ޑޮލަރު ނުލިބޭކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ވިޔަފާރިތަކުން ޑޮލަރު ގަންނަން ޖެހިފައިވަނީ ކަޅު ބާޒާރުގައި ކަމަށެވެ. އޭނާ ވިދާޅުވީ ވިޔަފާރިވެރިން ހަދާ ޓީޓީ ޕްރޮސެސްކޮށްފައި ބޭރަށް ފައިސާ ފޮނުވަން ދުވަސްތަކެއް ނަގާ ކަމަށާއި އޭގެ ސަބަބުން ޝިޕްމަންޓްތައް ޕްލޭން ނުކުރެވޭ ކަމަށެވެ.

