ދުނިޔޭގެ އެކި ގައުމުތަަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ތެރެ ސާފު ކުރުމަށްޓަކައި ކުރާ މަސައްކަތަށް މާލޭގެ ފަޅުގެތަކުގެ މައުލޫމާތު އެއް ކޮށްފި އެވެ.
އެކަމާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މިދިޔަ ހަފުތާގައި ކައުންސިލުން ކުރި މަސައްކަތުން މާލޭގެ އެކި ދިމާގައި ފަޅުކޮށް ހުރި ތަންތަނުގެ ތެރެއިން ކުނި ޖަމާވެފައިވާ ތަންތަން ބަލައި ލިސްޓް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެފަދަ 68 ތަނެއް މާލޭގެ އެކި ސަރަހައްދުން ފާހަގަ ކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. ސިޓީ ކައުންސިލްއިން ވަނީ އެއް ކުރި މައުލޫމާތުތަކުގެ ތެރޭގައި އިމާރާތް ކުރުމަށް ފަށާފައި މަސައްކަތް ހުއްޓާލިތާ އެތައް ދުވަހެއް ވެފައިވާ ތަންތަން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މި ތަންތަނުގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް ކައުންސިލްއިން މިހާރު ވަނީ ފަށާފައެވެ. އަދި އެއަށްފަހު ޖަމާކޮށްފައި ހުރި ކުނިތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
ކޮވިޑް އާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތައް ދޮވުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. އަދި މިހާރު މާލެ ސަރަހައްދުގެ ތިން ރަށުގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މަގުމަތީގައި އުޅުން މަނާކޮށް ކާފިއު ހިންގަ އެވެ.

