ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިއާގައި ތިބި ދިވެހިން ގެނައުން، ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި!

މެލޭޝިއާގައި ތިބި ދިވެހިން ގެނައުން، ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި! - ފޮޓޯ: މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު، އޭގެއިން ބައެއް ގައުމުތަކުގައި ދިވެހިންތަކެއް އެބަތިއްބެވެ. ގިނަ ގައުމުތަކަކީ ޒުވާން އުމުރު ފުރައިގެ ކުދިންތަކެއް އެކަނި ތިބެގެން ތައުލީމް ހާސިލް ކުރަމުން އަންނަ ގައުމުތަކެވެ. އޭގެ ތެރޭގައި މެލޭޝިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސިންގަޕޯރ ފަދަ ގައުމުތައް ހިމެނެއެވެ.

ވައިރަހާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ކާފިއު އިއުލާނުކޮށް ދަތުރުފަތުރު ކުރުން ވަނީ އެކީ މަޑުޖައްސާލާފައެވެ. އޭގެ ސަބަބުން، ރާއްޖެއަށް އަންނަން ބޭނުންވެފައި ތިބި އެތައް ދިވެހިންތަކަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އެއާ ސްޕޭސް ބަންދުކޮށްފައި ވުމާއި ގުޅިގެން، ޓިކެޓުތައް ވަނީ ކެންސަލް ވެފައެވެ. ތިބީ އެނބުރި ރާއްޖެ އާދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ބައެއް ގައުމުތަކުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާއިރު، އާއިލާތަކުގެ ކަންބޮޑުވުން ހުރީ އިންތިހާގައެވެ. ދިވެހި އާއިލާތަކާއި، ދަރިވަރުންތައް ވީހާވެސް އަވަހަށް ރާއްޖެ ގެނައުމަށެވެ. އެގޮތުން ސަރުކާރުން ވެސް ވަނީ، އެއްވެސް ދިވެއްސަކު ބޭރުގެ ގައުމެއްގައި ހާލުގައި ޖެހެންދޫކޮށް ނުލާނެ ކަމަށް ބުނެފައެެވެ. އަދި ސަރުކާރެއްގެ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާގެ ކަންތަކުގައި ދަތުުރުކުރާ ކޮޗިން އާއި ލަންކާގެ ކޮލަމްބޯއިން ބައެއް ދިވެހިން ވަނީ ރާއްޖެއަށް ގެނެސްފައެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ރެސްކިއު ފްލައިޓުތައް މެދުވެރިކޮށެވެ. ލަންކާގެ ކޮލޮމްބޯއިން 100 ދިވެހިން އަދި އިންޑިއާގެ ކޮޗިންއިން 188 ދިވެހިން ވަނީ ގެނެސްފަ އެވެ.

ބޭރުގެ އެކި ގައުމުތަކުގައި އެތައް ދިވެހިންނެއް، ކޮޗިން ކޮލަމްބޯ ފްލައިޓަށް ވެސް ފާޑުކިޔުންތަކެއް

ބުދަ ދުވަހުގެ ހެނދުނަށް ޝެޑިއުލް ކުރި ފްލައިޓުގެ ބުކިންތައް ފުލްވެފައިވާކަމަށް މޯލްޑިވިއަންއިން ޓްވީޓު ކުރީ މިއަދުގެ ހެނދުނު 6:30 ހާއިރުއެވެ.

ހާލަތު ގޯސްވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ، މެލޭޝިއާއިން ދިވެހިން ގެނައުމުގެ މަސައްކަތް ފެށިއިރު ގިނަ ދަތިތަކެއް ވިއެވެ. ހަތަރު ހާހާއި ގާތް ކުރާ އަދަދަކަށް ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ގިނަވާނީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނެވެ. ސަރުކާރުން، މެލޭޝިއާއަށް ރެސްކިއު ފްލައިޓެއް އަޅާ ހުޅުވާލި ފުރުސަތުގައި ރާއްޖެ އެނބުރި އަންނަން ބޭނުންވެގެން 800 މީހުން ރެޖިސްޓްރީ ކުރިއެވެ. ނަމަވެސް، ފްލައިޓުން ޓިކެޓު ބުކް ކުރުމަށް މަސައްކަތް ކުރި މީހުންގެ އަަދަދު އެއަށްވުރެ ގިނަވާނެއެވެ.

200 ޖާގައިގެ އެ ފްލައިޓަށް ޓިކެޓު ބުކް ކުރުމަށް ހުޅުވާލީ އެންމެ ފުރަތަމަ އޮންލައިންކޮށެވެ. ނަމަވެސް، ގިނަ ބަޔަކު އެއްފަހަރާ ވެބްސައިޓަށް ވަންނަން ފެށުމުން ވެބްސައިޓް ސްލޯވެ ޑައުންވީއެވެ. އަދި އެކަން ހައްލު ކުރުމަށް މަސަައްކަތް ކުރަމުންދަނިކޮށް، ހެކަރުންގެ އެޓޭކުތަކެއް އައިކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

https://twitter.com/MaldivianAero/status/1247230114523271168

އެތައް ގަޑިއިރެއްވަންދެން އާއްމުން ކުރަމުންދިޔަ މަސަައްކަތް ކާމިޔާބުވާގޮތް ނުވުމުން، ދެން މޯލްޑިވިއަންއިން ދޫކޮށްލީ ނަމްބަރެކެވެ. އެ ނަމްބަރު މެދުވެރިކޮށް ފޯނުން ގުޅާ ޓިކެޓު ބުކް ކުރުމަށެވެ. އާއިލާތަކުން، ނުނިދާ ހޭލާތިބެ ހެނދުނު އިރުއެރުމާއި ހަމައަށް ވެސް ކުރި މަސައްކަތަކީ އެ ނަންބަރަށް ގުޅަން މަސައްކަތް ކުރުމެވެ. އެހެން ނަމަވެސް ނަންވަރު ބިޒީކަން އެނގުން ފިޔަވައި ވީހަމަ އިތުރު އެއްވެސް ކަމެއްނެތެވެ. 

ވެބްސައިޓަށް ސިކުންތެއްގެ ތެރޭގައި 100 މީހުން ވަންނަން މަސައްކަތްކުރިއިރު، ރިޒަވޭޝަން ނަމްބަރަށް މިނިޓެއްގެ ތެރޭގައި 2000 މީހުން ގުޅުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ސަންގުއާއި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ ކޮންމެ މިނިޓަކު ގާތްގަނޑަކަށް 2000 އެއްހާ ފޯނު ކޯލު އައި ކަަމަށެވެ. އަދި އެ މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން މޯލްޑިވިއަން އާއި ކަނެކްޓުވީ މީހުންނަށް ޓިކެޓު އިޝޫ ކުރަމުން ދިޔަ ކަމަށެވެ. އަދި ދޫކުރި ޖާގަތަކަކީ ހަމައެގޮތުން އައި ކޯލްތަކުން ކަނެކްޓްވީ 200 ކޯލުކަމަށެވެ.

https://twitter.com/aishathshifa5/status/1247400653892149248

ސޯޝަލް މީޑިއާގައި، ތަފާތު ފާޑުކިޔުންތައް ކޮލަންބޯ އަދި ކޮޗިން ފްލައިޓާއި ގުޅިގެންވެސް އަމާޒުވިއެވެ. އޮންލައިންކޮށް ޓިކެޓަށް އެެދުމުގެ ފުރުސަތު ހުޅުވާލީވެސް ”ދެފުށް ފެންނަ“ ފުރުސަތު ދިނުމަށް ކަމަށް ބުނެއެވެ. އެހެން ނަމަވެސް، މެލޭޝިއާގެ ޓިކެޓު ނެގުންވީ ބޮޑު ވޭނަކަށެވެ.

މެލޭޝިއާގައި ހުރެ، ސަންގު އާއި ވާހަކަ ދެއްކި ދަރިވަރަކު ވަނީ ރޭގެ ވަގުތެއްގައި ގުޅާ އޭނާއާއި އެއް ޔުނިވާސިޓީއެއްގައި ތައުލީމް ހާސިލް ކުރާ ދަރިވަރަކު ފުރުމުގެ ތައްޔާރީތައް ފަށާފައިވާކަމަށް ބުނެފައެވެ. އަދި އޭނާއާއި ސުވާލު ކުރުމުން، ދާއިރާގެ އެމްޕީ އޮތީ ފުރޭނެ ކަމުގެ ޔަގީންކަން ދީފައިކަމަށް ބުނެފައިވާ ކަމަށެވެ. ސަންގު އާއި ވާހަކަ ދެއްކި ކުއްޖާ ވަނީ ކަންބޮޑުވުން ފާޅުކޮށް ވަކި ބަޔަކަށް ވަކި ގޮތެއް އޮންނަންވީ ގޮތާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.

މީގެ އިތުރުން، މެލޭޝިއާގައި ހުރި ކުއްޖެގެ ބެލެނިވެރިއެއް ވެސް ވަނީ ސަންގު އާއި ވާހަކަ ދައްކާފައެވެ. ކުއްޖާގެ ކިޔެވުން ނިމި، ރާއްޖެ އައުމަށް ނަގާފައިވާ ޓިކެޓު ކެންސަލްވީ ލޮކްޑައުންއާއި ގުޅިގެންކަން ފާހަގަކުރިއެވެ. އަދި ރެއިން ފެށިގެން އެތައް ފަހަރެއްގެ މަތީން އެ ނަންބަރަށް ގުޅުމަށް މަސައްކަތްކުރިކަން ފާހަގަކުރިއެވެ.

https://twitter.com/butterflieee/status/1247343022603268101

”އަޅުގަނޑުގެ އަންހެން ދަރިފުޅުއެއީ. ހުރި ހަމައެކަނި ކުއްޖާ. ކިޔެވުން ނިމިއްޖެ. ރާއްޖެ އަންނަން ޓިކެޓުވެސް ނަގާފައި އޮއްވާ ލޮކްޑައުންއާއި ގުޅިގެން ފްލައިޓު ކެންސަލްވީ. ރެއިން ފެށިގެން އެތައް މަސައްކަތެއް ވެއްޖެ، ނުގުޅުނު. އެންމެން މިތިބީ ހޭލާ އެ ކުއްޖާ ގެނެވޭނެ ގޮތެއް ހޯދަން. ކެއާ ޕެކޭޖު ވެސް ފޮނުވިދާނެ. ކުރިޔަށް އޮތީ ރޯދަ މަސް. މާކެޓަށް ދާން ސޭފްއެއް ނޫން. ނޫޑުލްސް އާއި މަސްދަޅު ކޭސް ފޮނުވައިގެން ކިހިނެއް އުޅޭނީ. ވަކި ބަޔަކު ގެންނަން ކުރާ ކަމެއް ނަމަވެސް، ބުނަންވީ. އޭރަށް މިހުރިހާ މަަސައްކަތެއް ވެސް ކުރަން ނުޖެހޭނެ. އިނގޭނެ ފުރުސަތެއް ނެތްކަން. “ ކުއްޖާގެ މަންމަ ބުންޏެވެ.

ގިނަ ދަރިވަރުން ބޭނުންވަނީ، ހާލަތު ގޯސްނުވަނީސް ގައުމުތަކުން އެނބުރި އާއިލާގެ ގާތަށް އައުމަށެވެ. ބެލެނިވެރިންގެ ރެއާއި ދުވާލު ނިދި ނަގާލާ އެ ކުދިންގެ ހާލު ބެލުމުގައެވެ.

ސަރުކާރުން މިވަނީ، އަލި މަގެއް ދައްކާފައެވެ. މޯލްޑިވިއަންއިން ވަނީ ގައުމުތަކުގައި ތިބި ދިވެހިން ހުސްވަންދެން ދަތުރު އަޅާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އުންމީދަކީ އަވަސް ގޮތެއްގައި މިކަން ވުމެވެ. ހާއްސަކޮށް ދެފުށް ފެންނަ ގޮތަކަށް ވުމެވެ. އިސްކަން ދޭންވީ ހާލުގައި ޖެހިފައި ހުރި މީހާ އަށެވެ.

https://twitter.com/llurk7/status/1247342861680443393

ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ތަކުރާރުކޮށް މޯލްޑިވިއަންއިން ބުނެފައިވަނީ އެ އެއާލައިނުން މީހުން ގެނައުމަށް ވަކި އުސޫލެއް ކަނޑައަޅާ ވަކި ބަޔަކު ގެންނާކަށް މަސައްކަތެއް ނުކުރާ ކަމަށާއި، އަދި ޓިކެޓު ދޫކޮށްފައިވަނީ ފަސްޓް ކަމް ފަސްޓް ސާވް ބޭސްގެ ދަށުން ކަމަށެވެ. އަދި ވަކި ބަޔަކަށް އެއްވެސް ފުރުސަތެއް ދިނުމަށް ވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. މޯލްޑިވިއަން އިން ޓްވީޓު ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް، ލިންކު މެދުވެރިކޮށް މެސެޖު ކުރި މީހުންނަށް ރިޕްލައި ލިބިފައިނުވާތީ ސަންގުޓީވީން ސުވާލު ކުރުމުން މޫސަ ވިދާޅުވީ އެ ކުންފުނިން މެސެޖުތަކަށް ޖަވާބު ދެމުން ދިޔައީ ބޮޓެއް މެދުވެރިކޮށެއް ނޫން ކަމަށެވެ.

ދިވެހިން ރާއްޖެ ގެނައުމުގައި އަމަލު ކުރާ އުސޫލު މިހާރު އޮތީ ވާނުވާގައެވެ. ސަބަބަކީ މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ އިސްކަންދޭނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކަމަށެވެ. އެހެން ނަމަވެސް، މިހާރު އަމަލު ކުރަމުންދާ އުސޫލަކީ ކޮބައިކަމާއި، މީހުން ރާއްޖެ ގެނައުމުގައި ބަލާ ކަންތަކެއް ވެސް ނޭނގެއެވެ. ކޮރޯނާ ވައިރަހަށް ވާނެ ގޮތެއް ނޭނގޭ ފަދައިން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ވެސް ރާއްޖެއަށް ގެނައުމަށް ކުރާ މަސައްކަތަށް މިއަދު ވާނުވާއެއް ނޭނގެއެވެ. ހަމަ ހަގީގަތުގައި ވެސް ބޮޑު ވާނުވާއެކެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: