ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގައި ހިމެނޭ ލޯންތަކަށް މާދަމާއިން ފެށިގެން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމަކަށް އޭގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އިގްތިސޯދަށް ވައިރަހުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ. ކޮނޮމިކް ރިލީފް ޕެކޭޖްތަކުގެ ތަފްސީލް ހާމަކޮށް ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ ޕެކޭޖްގެ ދަށުން ވޯކިން ކެޕިޓަލް އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯން ދޫކުރުމާއި، ދެ މަސްދުވަހަށް ފެން އަދި ކަރަންޓް ބިލުން ބައެއް ސަރުކާރުން ދައްކައިދިނުމާއި، ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް ހަ މަސްދުވަހަށް ފަސްކޮށްދިނުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެމްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިހާތަނަށް ދޫކޮށްފައިހުރި ލޯނުތަކުގެ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް މާޗް 2020 އިން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ލަސްކޮށް ދިނުމުގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހުރިހާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް ހަތަރު އިންސައްތައަށް ކުޑަކޮށްދިނުމާއި، ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން ދޫކޮށްފައިވާ ލޯންތައް އަނބުރާ ދެއްކުން ހަ މަހަށް ފަސް ކުރުމުގެ އިތުރުން ވައިރަސް އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން އެލަވަންސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.
ވޯކިން ކެޕިޓަލް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. އެގޮތުން ލޯނުތައް ދޫކުރާނީ 6 އިންސައްތައިގެ އިންޓްރެސްޓުގައި 6 މަސް ދުވަހުގެ ގްރެސް ޕީރިއަޑްއެއް އެކުލެވޭ ގޮތަށެވެ. މި މުއްދަތުގައި އިންޓްރެސްޓު އަދި ޕްރިންސިޕަލް ވެސް އަނބުރާ ދައްކަން ނުޖެހޭނެއެވެ. ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ. ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބީއެމްއެލް އަދި އެސްއެމްއީ ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން މާދަމާ ހުޅުވާލާނެއެވެ. ޓޫރިސްޓް ރިސޯޓްތަކަށް ލޯން ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. އަދި މި ސްކީމުގެ ދަށުން ކޮންމެ ރިސޯޓަކަށްވެސް ގިނަ ވެގެން ދޫކުރާނީ 7.71 މިލިއަން ރުފިޔާއެވެ.
އަދި ރިސޯޓްތަކަށް ލޯން ދޫކުރުމުގައި ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި، ރިސޯޓްގައި ދިވެހި މުވައްޒިފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތައަށް ނުވަތަ އެއަށްވުރެ މަތީތޯ ބަލައި އިސްކަން ދެވޭނެ ކަމަށް ފިނޭންސްގެ އުސޫލުގައިވެއެވެ. އަދި އެކަންކަން ސަރުކާރުން ބަލާ، ބޭންކް އޮފް މޯލްޑިވްސްއާ ހިއްސާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ރިސޯޓް ނުވަތަ ވިޔަފާރީގެ ނަން-ފާފޯމިން އެސެޓްސް ނެތްތޯއާ، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިސާވެފައިވޭތޯއާ، ކުރިއަށް އޮތް ތިން އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯ ބަލާ އިސްކަންދޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބިފައިވާ ޓޫރިސްޓް ރިސޯޓް ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ.
ސަރުކާރުން އިއުލާނުކުރި ޕެކޭޖަކީ މިއަދުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އުނދަގޫތައް ހައްލުކުރަން ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފްކުރުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި، ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.

