ކޮރޯނާ ވައިރަސް އާ ގުޅިގެން ސަރުކާރުން އިއުލާންކުރި ސްޓިމިއުލަސް ޕެކޭޖުން ރިސޯޓުތަކަށް ދޫކުރާނީ 7.7 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅައިފިއެވެ.
ބަލީގެ އަސަރު ދުނިޔޭގެ އެތައް ގައުމަކަށް ކުރާނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އިގްތިސޯދަށް ވައިރަހުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް ވަނީ ކަނޑައަޅާފައެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ވަނީ ސަރުކާރުގެ މި ޕެކޭޖާ ބެހޭ މައުލޫމާތުތައް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައެވެ. އިއުލާނުގައި ވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަތީ އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި، ދިވެހި އޯނާޝިޕްގެ ނިސްބަތަށާއި މުވައްޒަފުންގެ ތެރޭގައި ދިވެހި މުވައްޒަފުންގެ ނިސްބަތަށް އިއާޔަތް ކުރާނެއެވެ. އެގޮތުން 45 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ދިވެހި މުވައްޒަފުން ގެންގުޅޭ ނަމަ ލޯނު ދޫކުރުމުގައި އިސްކަން ދޭނެ ކަމަށް އިއުލާންގައި ވަނީ ބުނެފައެވެ.
ރިސޯޓް ނުވަތަ ވިޔަފާރީގެ ނޮން-ފާފޯމިން އެސެޓްސް ނެތްތޯ އާއި، މިދިޔަ އަހަރު ވިޔަފާރިއަށް ފައިދާވުން ވެސް ޝަރުތެއްގެ ގޮތުގައި ހިމަނާފައިވެއެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯ ބަލައި، އެކަންތައްތަކަށް ވެސް ލޯނު ދޫކުރާއިރު އިސްކަން އިސްކަންދޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން މުވައްޒަފުން ގެންގުޅޭ ގޮތާއި، އެއްވެސް ކާރިސާއެއްގައި މުވައްޒަފުން ވަޒީފާއިން ވަކުކުރުން ނުވަތަ ވަކިވުމަށް މަޖުބޫރުކޮށްފައިވާނެތޯ ބަލާނެއެވެ.
ރިސޯޓުތަކަށް ދޫކުރާ ލޯނާއި 10 މިލިއަން ރުފިޔާ އަށް ވުރެ މަތީގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން ލޯނަށް ހުށަހަޅަން ޖެހެނީ ބީއެމްއެލް އަށެވެ. މިއީ ހަ ޕަސެންޓް އިންޓްރެސްޓްގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ތިން އަހަރުން ދައްކަން ޖެހޭ ލޯނެކެވެ. އެހެންނަމަވެސް ހަ މަސް ދުވަހުގެ އިންޓްރަސްޓް އަދި ޕްރިންސިޕަލް ވެސް އަނބުރާ ދައްކާކަށް ނުޖެހޭނެ އެވެ. އަދި ލޯން އަނބުރާ ދައްކަންޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ.

