ކޮރޯނާ ވައިރަސް އާއި ގުޅިގެން، ލޮކްޑައުންކޮށް ކާފިއު އިލާނުކޮށްފައިވާ އިންޑިއާގެ ޓްރިވެންޑްރަމްގައި މިވަގުތު ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ބޯޓެއް އަންނަ ހޮނިހިރު ދުވަހު އިންޑިއާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.
މޯލްޑިވިއަންއިން ނިންމާފައިވަނީ އޭޕްރިލް 11 ވަނަ ދުވަހު، އިންޑިއާގެ ޓްރެވިންޑްރަމްއަށް ދަތުރު ކުރުމަށެވެ. އެ ދަތުރުގައި މީހުން ރާއްޖެ ގެންނާނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ބޯޓުގައި ޓްރެވިންޑްރަމް އަށް ގޮސް ނާދެވިފައި ތިބި މީހުން ހިމެނޭހެންނެވެ.
މޯލްޑިވިއަންގެ ދަތުރުތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން، ކުންފުނީގެ ކޮމިއުނިކޭޝަންސް މެނޭޖާރ މޫސާ ވަސީމް ވިދާޅުވީ އެ ދަތުރުގައި ދެން ގެންނާނީ އާސަންދައިގެ ދަށުން އިންޑިއާގައި ބޭސްފަރުވާ ކުރަމުންދާ މީހުން ކަމަށެވެ.
ޓްރިވެންޑްރަމަށް ކުރާ ދަތުރުގެ ޓިކެޓް އަގަކީ، 199 ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 3،065 ރުފިޔާ އެވެ.
ވަސީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން މަސައްކަތް ކުރަމުން އަންނައިރު ޓިކެޓު އަގުބޮޑުކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެކު މަޝްވަރާކުރުމަށްފަހު އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މިހާރު ކަނޑައަޅާފައިވާ އަގުތައް: ⁃
⁃ ސްރީލަންކާ، ކޮލަމްބޯ – 220 ޑޮލަރު (3،388 ރުފިޔާ)
⁃ އިންޑިއާ، ކޮޗިން – 149 ޑޮލަރު (2،295 ރުފިޔާ)
⁃ އިންޑިއާ، ޓްރިވިންޑްރަމް – 199 ޑޮލަރު (3،065 ރުފިޔާ)
⁃ މެލޭޝިއާ، ކުއާލަލަމްޕޫރު – 330 ޑޮލަރު ( 5،082 ރުފިޔާ)
މޯލްޑިވިއަންއިން މިވަގުތު ރާއްޖެ ގެނެސްފައިވަނީ ސްރީ ލަންކާގައި ތިބި މީހުންގެ ތެރެއިން 100 ދިވެހިންނާއި އިންޑިއާއިން 200 ދިވެހިން އަދި މާދަމާ މެލޭޝިއާ އިން އަންނަ 200 ދިވެހިންނެވެ.
އަަވައްޓެރި އިންޑިއާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 5,311 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އިންޑިއާގައި އިއުލާނުކުރި ކާފިއުގެ މުއްދަތު އެ ގައުމުގެ ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް އެ ގައުމުން ބަލި ޖެހިފައިވާ 533 މީހަކު ވަނީ ފެނިފައެވެ. އަދި 14 މީހަކު ވަނީ މަރުވެފައެވެ. އެ ގައުމުގައި މަރުވީ މީހުންގެ އަދަދު 150 އަށް އަރައެވެ. އަދި ފަސް ހާހެއްހާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 421 މީހުންނެވެ.

