ރާއްޖޭގެ ދެ ރިސޯޓެއްގައި މަސައްކަތް ކުރުމުން އައި ބިދޭސީއެއް އަމިއްލަ ގައުމަށް އެނބުރި ދިޔަ ފަހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވީއިރު، އޭނާ ފުރައިގެން ދިއުމުގެ ކުރިން އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށް ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ޖޯލި މޯލްޑިވްސް އާއި ރާ ބޮޑުފުށި ރިސޯޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަސައްކަތް ކުރަމުންދިޔަ މުވައްޒަފެއް ބައްޔަށް ޕޮޒިޓިވް ވީކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަފަހުންނެވެ. އެ ދެ ރިސޯޓުވެސް މޮނީޓަރިން ހާލަތަށް ގެނެސް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޓީމެއް އަންނަނީ ދެ ރަށުގައި ވެސް ހަރަކާތްތެރިވަމުންނެވެ. އަދި، އެ މީހާ އާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
މި ކޭސްއާއި ގުޅިގެން މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، ބިދޭސީ މީހާ ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ފުރައިގެން ދިޔައިރު ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. އެނާ އެނބުރި ދިޔައީ ކޮން ގައުމަކަށް ކަމެއް، އަދި ނިސްބަތްވާ ގައުމެއް ވެސް މަބްރޫކް ހާމައެއް ނުކުރައްވައެވެ. އެއީ އަމަލު ކުރެވޭ އުސޫލެއް ނޫންވީމައެވެ.
މަބްރޫކް ވިދާޅުވީ، ބިދޭސީ މީހާ ބައްޔަށް ޕޮޒިޓިވް ވީކަން އެނގުނީ ހޯމަ ދުވަހު ކަމަށެވެ. އެހެން ކަމުން، ބަލި ޖެހިދާނެ ކަމަށް ބަލާ ޕީރިއަޑްގެ ދުވަސްތަކުގައި އޭނާ ރާއްޖޭގައި ހުރި ކަމަށެވެ. އެހެން ނަމަވެސް، އޭނާއަށް ބަލި ޖެހުނީ ދަތުރު މަތީން ދިމާވީ މީހެއްގެ ފަރާތުން ނުވަތަ ޓްރާންސިޓްއަށް މަޑުކުރިތަނެއް ނޫނީ އެ ގައުމަށް އެތެރެވީ ފަހުން ކަމަށް ވެސް ވެދާނެ ކަމަށެވެ.
ރާއްޖޭގައި ހުރެ ބަލި ޖެހިފައި ހުރުމުގެ ފުރުސަތު އޮތުމުން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭނާއާ ކޮންޓެކްޓްވި މީހުން އަވަހަށް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ބިދޭސީ މީހާއާއި އެއާޕޯޓުން އެމީހާއާ ކޮންޓެކްޓްވި މީހުން ވެސް ހޯދަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިން ވެސް ހިމެނެއެވެ. މިހާރު ފަރުވާދެމުންދަނީ އެ ހަތަރު މީހުންނަށެވެ. އަނެއް 13 ބިދޭސީން ވަނީ ބައްޔަށް ފަރުވާދީ ރަނގަޅުވެފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

