އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތައް ހިލޭ ދޫކުރުމުގެ މަސައްކަތް އެ ކައުންސިލުން ރަސްމީކޮށް ފަށައިފިއެވެ.
މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކައިވެނީގެ ހަފުލާތައް ބޭއްވުމުގައި ކުރިމަތިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިކަމާ ގުޅޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ކައުންސިލްގެ ކަމާގުޅޭ ދެ ކޮމިޓީއަކާ ހަވާލުކުރެވިފައެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ މި އުސޫލުތައް ވީހާވެސް އަވަހަށް ފައިނަލްކޮށް، އަންނަ ހަފުތާގައި ބާއްވާ ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.
ވަލީމާ ބޭއްވުމަށް ހިލޭ ބިން ދޫކުރުމަކީ މޭޔަރު އާދަމް އާޒިމްގެ އިންތިޚާބީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މި ނިންމުމުގެ ސަބަބުން ކައިވެނިކުރާ ޒުވާނުންނަށް ބޮޑު ހަރަދެއް ކުރަންޖެހޭ ހޯލްތަކާއި ތަންތަން ކުއްޔަށް ހިފުމުގެ ބަދަލުގައި، ކައުންސިލުން ހަމަޖައްސައިދޭ ބިންތަކުގައި ހަފުލާތައް ބޭއްވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މިހާރުވެސް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ލޮނުޒިޔާރަތް ޕާކު ފަދަ ހިތްގައިމު ސަރަހައްދުތަކުގައި ކައިވެނި ޕާޓީތައް ބާއްވަމުންދެއެވެ. މީގެ އިތުރުންވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި މިފަދަ ހަފުލާތަކަށް އެކަށީގެންވާ އިތުރު ބިންތައް ހުރިކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މި އުސޫލު ފާސްވެ އަމަލުކުރަން ފެށުމުން، މާލޭގެ ރައްޔިތުންނަށް ކައިވެނީގެ ވަލީމާ ބޭއްވުމަށް ބިން ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

