2024-2025 ވަނަ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ރިޕޯޓް ފޮތް ދިނުމަށްފަހު ދަރިވަރުންގެ 12 ދުވަހުގެ ޗުއްޓީ މިއަދު ރަސްމީކޮށް ފެށިއްޖެއެވެ.
މި ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސަރުކާރުގެ 217 ސްކޫލެއްގައި 81,000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުންދެއެވެ. އަދި މި ދަރިވަރުންނަށް އުނގަންނައިދިނުމުގައި 9,950 ޓީޗަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ސަރުކާރު ސްކޫލްތަކުގެ އިތުރުން ޕްރައިވެޓް ސްކޫލްތަކުގައި 13,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، އޭގެ ތެރެއިން ގިނަ ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އަހަރުގެ ތެރޭގައި އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1,530 ދަރިވަރުން ވަނީ ބަދަލުވެފައެވެ.
މި އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، ދަރިވަރުންނަށް އެންމެ ދިގު ޗުއްޓީއެއް ނުވަތަ ބޮޑު ޗުއްޓީ ލިބޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 12، 2027 އާ ހަމައަށެވެ.

